ބަންގްލަދޭޝްގައި ދިރިއުޅޭ އަދި ރާއްޖެއަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އަންގައިފިި

ބަންގްލަދޭޝްގައި ދިރިއުޅޭ އަދި ރާއްޖެއަށް ދަތުރުކުރާ ދިވެހިން ސަމާލުވާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އަންގައިފިިއެވެ.

އެމިނިސްޓްރީއިން ވިދާޅުވީ، ބަންގްލަދޭޝްއިން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި، އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާކަމަށެވެ.

ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ބަންގްލަދޭޝްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށްވެސް އެމިނިސްޓްރީއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް އިލްތިމާސްކުރާކަމަށާއި، އެގޮތުން، ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދޭކަމަށެވެ.

އަދި ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދިފައިވެއެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން، ބަންގްލަދޭޝްއިން ވައިގެމަގުން ސީދާ ދަތުރުކުރާ ފަރާތްތަކާއި، މިދިޔަ 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއަށް ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ