ފެލައިނީ އާއި ޑައިރެކްޓް ކޮންޓެކްޓްވި 2 ދިވެހިންގެ ނަތީޖާ ނައްސި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވި ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ދެދިވެހިންގެ ނަތީޖާ ނައްސި ވެފައިވާކަމަށެވެ.
ފެލައިނީ ރާއްޖެ އައީ ދުބާއީ މަގުން ކަމަށާއި އެނބުރި ގޮސްފައިވަނީ ވެސް ދުބާއީއަށް ކަމަށް ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ. މި ކޭސްއާއި ގުޅިގެން 20 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓް އައިޑެންޓިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ފެލައިނީ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން 5 މީހަކު އައިސޮލޭޝަންގައި ތިބީ ރީތިރަށް ރިސޯޓުގައި ކަމަށާއި އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. ބާކީ 15 މީހުންނަކީ އެމްއޭސީއެލްގެ މުވައްޒަފުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.



