ކޮވިޑް-19: ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ގެ ނަތީޖާ ނެގެޓިވް

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްއަށް ވެކްސިން ޖަހައިދިން ޑޮކްޓަރަކު ކޮވިޑް-19 އަށް ޕޮސިޓިވު ވެފައިވުމާ ގުޅިގެން އެކަމަނާގެ ގައިގައި ކޮވިޑް-19 ގެ އަސަރު ހުރިތޯ ބެލުމަށް ހެދުނު ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވު ވެެއްޖެއެވެ.

އުމުރުފުޅުން 65 އަހަރުފުޅުގެ މާކެލް އަށް މިދިޔަ ހުކުރު ދުވަހު ޑޮކުޓަރު ދީފައިވަނީ ނިއުމޯނިއާ ޖައްސާ ބެކްޓީރިއާއަކުން ރައްކާތެރިވުމަށް ދޭ ވެކްސިނެކެވެ. މި ޑޮކުޓަރު ފަހުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާކަން އިނގުމުން މާކެލްވަނީ ކަރަންޓީނުވެސް ކޮށްފައެވެ.

ޖަރުމަނުގެ ސަރުކާރުން މާކެލްގެ ގައިގައި ކޮވިޑް-19 ނެއްކަން މިއަދު ހާމަކުރިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައިވެސް އެކަމަނާގެ ސިއްހީ ހާލަތާއި ގުޅޭ ޓެސްޓުތައް ހެދެމުން ދާނެއެވެ.

ޖަރުމަނުގައި މިހާތަނަށް 24،800އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށްވަނީ ޕޮސިޓިވު ވެފައެވެ. އަދި މިބަލީގައި ޖަރުމަނުންވަނީ 94 މީހަކު މަރުވެފަ އެވެ. ޖަރުމަނަކީ ޔޫރަޕްގައި ތިން ވަނައަށް އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ ގައުމެވެ.

މި ވައިރަސް ކޮންޓުރޯލް ކުރުމުގެ ގޮތުން ޖަރުމަނުން މިހާރުވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފައެވެ. މިގޮތުން ކުރިއަށް އޮތް ދެހަފުތާގައި ޖަރުމަނުގެ އާންމު ތަންތަނުގައި ތިނެއް ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް މީހުން އެއްވެ ތިބުންވަނީ މަނާކޮށްފައެވެ. މީގެއިތުރުން، މަސާޖު ޕާލާތަކާއި ޓެޓޫ ޕާލާތައްވެސްވަނީ ބަންދު ކުރުމަށް އަންގައިފައެވެ. އަދި ރެސްޓޯރެންޓުތަކަށް ހަމައެކަނި ހުއްދަ ދީފައިވަނީ ޓޭކުއަވޭގެ ހިދުމަތް ދިނުމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 އަށް މުޅި ދުނިޔެއިން މިހާރުވަނީ 360,669 މީހުން ޕޮސިޓިވު ވެފައެވެ. އަދި މިބަލީގައި މުޅި ދުނިޔެއިން މިހާތަނަށްވަނީ 15,491 މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ