ސްޓޫޑަންޓް ލޯނު ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިކަން އިޢުލާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2020 މާރިޗް 25 ވީ ބުދަ ދުވަހު ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަން ޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް19 އާއިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެކަމަށެވެ.
"ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނުރީޕޭކުރާގޮތައް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ 6 މަސްދުވަސް އިތުރު ވެގެން ދާނެކަމަށާއި، މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެކަމަށްވެއް ވިދާޅުވިއެވެ.
މީގެއުތޔުރުން އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތައް ސީދާ މި މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ރީޕޭކުރާކަށް ނުޖެހޭނެކަމަށާއި ކަމާގުޅޭ އިދާރާތަކާއިއެކު މިކަމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ.
އަދި ސްޓޫޑެންޓްލޯނު ނަގާފައިވާ ފަރާތްތަކުން ލޯނުގެ ފައިސާ އަބުރާދައްކަމުންގެންދާ ބޭންކަށް، އެބޭންކަކުން އަންގާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވުން އެދޭކަމަށްވެސް މިނިސްޓްރީގެ މިބަޔާނުގައިވެއެވެ.




