އެއްބަސްވުމަކަށް ނާދެވުމުން ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ބާސެލޯނާއިން ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ސްޕެއިންގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، ލިބޭ ގެއްލުން ފޫބައްދަށް ބާސެލޯނާއިން ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރަން ނިންމާފައިވާއިރު، ކުޅުންތެރިންގެ މުސާރައިން ބޮޑުބައެއް އުނިކުރަން ނިންމާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރިޕޯރޓްތައް ބުނާގޮތުން މިކަމާއި ގުޅިގެން ކްލަބުގެ ބޯޑު އޮފް ޑިރެކްޓަރުންނާއި، ކެޕްޓަނުން ބޭއްވި ބައްދަލުވުން ނިމިގެންދިޔައީ އެއްބަސްވުމަކަށް އާދެވޭގޮތް ނުވެއެވެ. ބާސެލޯނާއިން ކްލަބު ސީނިއާ ހުރިހާ ޓީމުތަކަކުން މުސާރަ އުނިކުރަން ނިންމާފައިވާއިރު، އޭގެތެރޭގައި ފިރިހެން ފުޓްބޯޅަ ޓީމާއި، އަންހެން ފުޓްބޯޅަ ޓީމުގެ އިތުރުން ފިރިހެން ބާސްކެޓް ޓީމުވެސް ހިމެނެއެވެ.
ބާސެލޯނާ ފިރިހެން ފުޓްބޯޅަ ޓީމަކީ ކުޅިވަރުގައި އޮތް އެންމެ ބޮޑު ޚަރަދެއް މުސާރައަށްކުރާ ޓީމެވެ. އެހެންނަމަވެސް ބާސެލޯނާގެ ރައީސް ބާޓަމެއުގެ ވިސްނުންހުރީ ފުޓްބޯޅަ ޓީމުގެ މުސާރައިން %50 އުނިކުރާގޮތަށެވެ. އެއީ ބާސެލޯނާގެ އެހެން ޓީމުތަކަށްވުރެ ގިނައިން އެޓީމުން އެކްލަބަށް އާމްދަނީ ހޯދައިދީފައިވާތީއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގައި ކުއްލިހާލަތު އިޢުލާންކޮށްފައިވާއިރު، އޭގެ އަސަރު ތަފާތު ކުޅިވަރުތަކަށްވަނީ ކޮށްފައެވެ. އަދި ސްޕެއިންގެ ހުރިހާ ކުޅިވަރުތަކެއްވަނީ މެދު ކަނޑާލަން ނިންމާފައެވެ. އެހެންކަމުން މެޗު ކުޅޭދުވަސް ދުވަހު ލިބޭ އާމްދަނީއާއި އެލީޓް ކަލްބުތަކުންނާއި، މިއުޒިއަމްތަކުން ލިބޭ އާމްދަނީވަނީ ހުއްޓިފައެވެ.
ބުރާސްފަތި ދުވަހާއި ހަމައަށް ސްޕެއިނުން ކޮވިޑް-19 އަށް 56188 މީހުން ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި 4089 މީހުންވަނީ އެޤައުމުން މަރުވެފައެވެ. އަދި 3679 މީހުންވަނީ އިންޓެންސިވް ކެއާރގައެވެ.




