ތާރީޚުގައި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު ކެޕްޓަން ލިއޮނަލް މެސީ ހެދި މެދުގައި ބާސެލޯނާއިން ފެންވަރު ދައްކާލައިފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ރެއަލް ސޮސިއެޑާޑާއި ދެކޮޅަށް ކުޅުނު މެޗަކީ މެސީ ބާސެލޯނާއަށް ކުޅެދިން 768 ވަނަ މެޗެވެ. އެއާއެކު ބާސެލޯނާއަށް އެންމެގިނަ މެޗު ކުޅެދިން ކުޅުންތެރިޔަކަށް މެސީ ވެފައިވާއިރު، މިރެކޯޑު ކުރިން އޮންނަނީ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޒަވީ ހާނަންޑޭޒް އަތުގައެވެ. ޒަވީވަނީ ބާސެލޯނާއަށް 767 މެޗު ކުޅެދީފައެވެ.
???? H I S T Ó R I C O ❤️
???? Una cifra legendaria para un jugador irrepetible
???? #Messi768 pic.twitter.com/nZZCDhXCM9— FC Barcelona (@FCBarcelona_es) March 21, 2021
ރެއަލް ސޮސިއެޑާޑު ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ބާސެލޯނާއިން މިމެޗު ކާމިޔާބުކޮށްފައިވަނީ 1-6 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބާސެލޯނާއަށް ލަނޑުތައް ޖަހާދީފައިވަނީ ގްރިޒްމަންއާއި ޑެސްޓް އަދި ޑެމްބެލޭގެ އިތުރުން މެސީއެވެ. ރޭގެ މެޗުގައި ޑެސްޓު އަދި މެސީވަނީ ބާސެލޯނާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ރެއަލް ސޮސިއެޑާޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބަރެނެޓިއާއެވެ.
މިސީޒަންގެ ޓޮޕް ސްކޯރާރއިންގެ ލިސްޓުގެ ކުރީގައި އޮތް މެސީ ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެހެން ކުޅުންތެރިންނާއި ދެމެދު އޮތް ފަރަގުވަނީ ބޮޑު ކޮށްފައެވެ. މިސީޒަންގެ ލަލީގާގައި މެސީ މިހާތަނަށް 23 ލަނޑު ޖަހާފައިވާއިރު، ދެވަނާގައި އޮތް އެކުވެރި ސުއަރޭޒްއަށް ކާމިޔާބުކުރެވިފައިވަނީ 19 ލަނޑެވެ. އަދި ތިންވަނާގައި ބެންޒެމާ އޮތީ މިހާތަނަށް ކާމިޔާބުކޮށްދިން 17 ލަނޑާއެކުގައެވެ.
އަދި މިމޮޅާއެކު ޖުމްލަ 62 ޕޮއިންޓް ލިބިގެން ބާސެލޯނާ އަލުން ދެވަނައަށް އަރާފައިވާއިރު، އެއްވަނާގައި އޮތް އެތުލެޓިކޯ އާއި ދެމެދު އޮތީ 4 ޕޮއިންޓުގެ ފަރަގެކެވެ. 60 ޕޮއިންޓާއެކު ވާދަވެރި ރެއަލްމެޑްރިޑް ތާވަލްގެ ތިންވަނާގައި އޮތްއިރު ހަތަރުވަނާގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.



