ރެއަލްމެޑްރިޑްގެ ސްޓޭޑިއަމް ސަންޓިއާގޯ ބާނަބޯ ކޮވިޑް-19 އާއި ދެކޮޅަށް ސްޕެއިނުންކުރާ ހަނގުރާމާގައި ސިއްޙީ ސަޕްލައި ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.
ސްޕެއިންގައި ހަލުވިކަމާއެކު މިވައިރަސް ފެތުރެމުންދާއިރު، ރެއަލްމެޑްރިޑް ދަނޑުގައި މިތަކެތި ބަހަށްޓައިގެން ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި ޚިދުމަތް އަވަސްވެގެންދާނެއެވެ. ސްޕެއިންގައި މިވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެނީ މެޑްރިޑްގައެވެ.
މިހަފްތާގެ ކުރީކޮޅުވެސް ރެއަލްމެޑްރިޑުންވަނީ ކޮވިޑް-19 އަށް ސްޕެއިނުން ކުރާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ބައެއް ސިއްޚީ އާލާތްތައް ފޯރުކޮށްދީފައެވެ.
Gracias al @realmadrid por su importantísima aportación para hacer frente al coronavirus y ayudarnos a salvar vidas.
— Isabel Díaz Ayuso (@IdiazAyuso) March 24, 2020
He cerrado con su presidente Florentino Pérez una gran donación en materia sanitaria.
ރެއަލްމެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، ރެއަލްމެޑްރިޑާއި، ހައި ކައުންސިލް ފޯ ސްޕޯރޓްއާއި ގުޅިގެން މެޑްރިޑްގައި ފެށި ޕްރޮޖެކްޓެއްގެ ދަށުން ކޮވިޑް-19 އާއި ދެކޮޅަށް ސްޕެއިނުންކުރާ ހަނގުރާމާގައި ސިއްޙީ ސަޕްލައި ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ސައިންޓިއާގޯ ބާނަބޯ ސްޓޭޑިއަމް ބޭނުންކުރަންވަނީ ނިންމާފައެވެ. އަދި މިސަޕްލައިތައް ސަރުކާރުގެ އިރުޝާދުގެދަށުން ސްޕެއިން ހެލްތު އޮތޯރިޓީތަކަށް ފޯރުކޮށްދެމުން ދާނެކަމަށްވެސް ބުނެފައެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ އިމަޖެންސީ ނުވަތަ އެނޫންވެސް ހާލަތްތަކުގައި ވީހާވެސް އަވަހަށް ޚިދުމަތް ބަލިމީހާއަށް ފޯރުކޮށްދިނުމާއި ދެވޭ ފަރުވާ ވީހާވެސް ފުރިހަމަކުރުންކަމުގައިވެސް ރެއަލްމެޑްރިޑުން ބުންޏެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ސްޕެއިނުން ކުރާ ހަނގުރާމާގައި ގިނަ ބަޔަކު އެހީތެރިވަމުންދާއިރު، ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބުތަކަކުން އެހީތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.
ބުރާސްފަތި ދުވަހާއި ހަމައަށް ސްޕެއިނުން ކޮވިޑް-19 އަށް 56188 މީހުން ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި 4089 މީހުންވަނީ އެޤައުމުން މަރުވެފައެވެ. އަދި 3679 މީހުންވަނީ އިންޓެންސިވް ކެއާރގައެވެ.




