ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތައް ވިއްކުމަށް ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯޓް ރެޑް ނޯޓިސް ނެރެފިއެވެ.
ސީލައިފްގެ މެނޭޖިން ޑިރެކްޓަރު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި މިވަނީ، މުޚައްމަދު އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުގައި އެދޭނެ ކަމަށް މިމަހު 18 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައި ވަނިކޮށެވެ.
މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައި އިންޓާޕޯލުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު ހޯދުމަށް އިއުލާން ކޮށްފައިވާއިރު، އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކި މީހުން ރާވައިގެން މިއަންނަ ހުކުރު ދުވަހު ހިނގާލުމެއް ހުޅުމާލޭގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ސީލައިފުން ހުޅުމާލޭގައި އަޅަން ނިންމި ފްލެޓްތަކަށް އިއުލާންކުރުމުން، އެތަނުން ފްލެޓް ގަތުމަށް ޝައުގުވެރިވި މީހުން، މީހަކު 50،000 ރުފިޔާ ދެއްކިއެވެ. ނަމަވެސް އޭގެ ފަހުން ތިން އަހަރުވި އިރު ވެސް ފެލެޓު އެޅުމުގެ މަސައްކަތް ނުފަށާއިރު ފައިސާ ދެއްކި މީހުންނަށް ފައިސާ ވެސް ދީފައެއް ނުވެއެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރިއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފައެވެ.
އެތައް އަހަރެއްވީ އިރު ވެސް މަސައްކަތް ނުފެށި ވާތީ، އެ ފައިސާ އަނބުރައި ހޯދުމަށް ސީލައިފްގެ މައްޗަށް ދައުވާކުރަން ވެސް ގިނަ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖެހުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮސްފައެވެ.