ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމާގައި އެއްބެން އެއްބައިވުމަށް ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ޑިފެންޑަރު ޖެރާޑު ޕީކޭ ގޮވާލައިފިއެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމަށް ލަލީގާއިން އޮންލައިންކޮށް ހިންގާ ފެސްޓިވަލްގައި ބައިވެރިވުމަށް ގޮވާލާ ޕީކޭ ބުނީ، މިއީ އުނދަގޫ ވަގުތުތަކެއްކަމަށާއި، މިކަމުން ސަލާމަތްވެވޭނީ އެންމެން އެކަތިގަނޑަކަށް ވެގެންކަމަށެވެ. އަދި ދަނޑުމަތީގައި އޮންނަ ވާދަވެރިކޮށް ދޫކޮށްލާ އެންމެ އެއްބައިވުމަށްވެސް ޕީކޭ ގޮވާލިއެވެ.
މީގެއިތުރުން ޕީކޭ ބުނީ ސްޕެނިޝް ލަލީގާ ޢާއިލާއަށް އޭނާ ނިސްބަތްވުމަކީ އޭނާއަށް ލިބޭ ބޮޑު ފަޚުރެއްކަމަށެވެ.
މިފެސްޓިވަލްގައި ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން މިއުޒިޝަނުންވެސް ބައިވެރިވެއެވެ. މިދިޔަ ހަފްތާގައިވެސް އޮންލައިންކޮށް ފީފާ 20 ޓާނަމަންޓް ކުރިއަށް ގެންގޮސްގެން 140000 އެއްހާ ޔޫރޯވަނީ ހޯދާފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ސްޕެއިނުން މިހާތަނަށް 73 ހާހަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. 6000 އެއްހާ މީހުން މިވައިރަހުގައި އެޤައުމުންވަނީ މަރުވެފައެވެ.
މިވައިރަސް ފެތުރުން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ސްޕެނިޝް ލަލީގާވެސް ވަނީ މެދު ކަނޑާލާފައެވެ.



