ކޮވިޑް-19: މުސާރައިގެ %70 އުނިކުރަން ބާސެލޯނާ ކުޅުންތެރިން އެއްބަސްވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މުސާރައިގެ %70 އުނިކުރަން ސްޕެއިންގެ ބާސެލޯނާ ކުޅުންތެރިން އެއްބަސްވެއްޖެއެވެ.

މިކަންވަނީ ބާސެލޯނާއާއި ކެޕްޓަން ލިއޮނަލް މެސީވެސް ހާމަކޮށްފައެވެ. ސީނިއާ ކުޅުންތެރިން މިގޮތަށް އެއްބަސްވުމާއެކު ބާސެލޯނާގައި މަސައްކަތްކުރާ މުސާރަ ކުޑަ ސްޓާފުންގެ މުސާރައިން އެއްވެސް ބައެއް މަދުނުކުރެވި ހަމައަށް ދެވޭނެކަމަށް ބާސެލޯނާއިންވަނީ ހާމަކޮށްފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މެސީ ބުނީ، މިޙާލަތުގައި ދަށް މުސާރައިގައި އުޅޭ ކްލަބުގެ އެހެން ސްޓާފުންގެ މުސާރައިގެ %100 ލިބޭ ގޮތަށް، ކުޅުންތެރިން މުސާރައިގެ %70 އުނިކުރަން ނިންމާފައިވާކަމަށެވެ. ކުޅުންތެރިން އަބަދުވެސް މަސައްކަތްކުރަނީ ކްލަބުގެ ލާބަޔާއި މަންފާއަށްކަމަށްވެސް މެސީ ބުނެފައިވާއިރު، ކުޅުންތެރިން އަބަދުވެސް ކުރަން ބޭނުންވާކަމަށް ގަދަކަމުން ކުރަން މަސައްކަތްކުރުމުން ޙައިރާންވާކަމަށްވެސް މެސީ ބުންޏެވެ.

މެސީ މިހެން ބުނިޔާ 20 ކަށް މިނަޓްފަހުން ބާސެލޯނާއިންވަނީ މުސާރައިގެ %70 ކަނޑަން ކުޅުންތެރިން އެއްބަސްވެއްޖެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ސްޕޯޓް އެންޑް މުންޑޯ ޑެޕޯޓިވޯއަށް ދިން އިންޓަރވިއުއެއްގައި ބާސެލޯނާގެ ރައީސް ބާޓަމެއޫ ބުނީ، ފުރަތަމަ ދުވަހުން ފެށިގެންވެސް މުސާރަ އުނިކުރަން ކެޕްޓަން ލިއޮނަލް މެސީ އެއްބަސްކަމަށާއި، މިޚިޔާލަކީވެސް ކުޅުންތެރިންގެ ފަރާތުން ލިބުނު ޚިޔާލެއްކަމަށެވެ. އަދި މިކަމުން އެކުޅުންތެރިން ކްލަބުގެ ދެކެ ލޯބިވާ މިންވަރުވެސް ހާމަވެގެންދާކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާއިން ކްލަބު ސީނިއާ ހުރިހާ ޓީމުތަކަކުން މުސާރަ އުނިކުރަން ނިންމާފައިވާއިރު، އޭގެތެރޭގައި ފިރިހެން ފުޓްބޯޅަ ޓީމާއި، އަންހެން ފުޓްބޯޅަ ޓީމުގެ އިތުރުން ފިރިހެން ބާސްކެޓް ޓީމުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ