ފްރާންސްގެ ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އަމިއްލައަށް އެކަހެރިވެއްޖެ ކަމަށް ޕީއެސްޖީން ބުނެފި އެވެ.
ޕީއެސްޖީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މެސީ އަކީ އެ ކްލަބުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ދެން މެސީ އާއެކު އެ ކްލަބުން ކޮވިޑަށް ޕޮޒިޓިވްވި ކުޅުންތެރިންނަކީ ހުއާން ބެނާޓް، ސާޖިއޯ ރިކޯ އަދި ނޭތަން ބިޓުމަޒަލާ އެވެ. މި ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޓް ވެގެން ކަމަށް ކްލަބުން ބުންޏެވެ.
މެސީ ކޮވިޑަށް ޕޮޒިޓިވްވުމުން މިވަގުތު އައިސޮލޭޓްވެގެން ހުރީ އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާގައެވެ. ފިނި މޫސުމުގެ ޗުއްޓީއަށް އާޖެންޓީއަށް ގޮސް ހުރި މެސީ، ދެން އެނބުރި އަންނާނީ ކޮވިޑް ބައްޔަށް ނެގެޓިވްވުމުން ކަމަށް ކްލަބުން ބުނެފައިވެއެވެ.
ފިނި މޫސުމަށްފަހު ޕީއެސްޖީން ލީގުގައި ދެން އެންމެ އަވަހަށް ބައްދަލުކުރާނީ 9 ޖެނުއަރީގައި، ލިއޯންއާ ދެކޮޅަށެވެ. ނަމަވެސް ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނިގޮތުގައި، މެސީއަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އަދި ދައްޗެވެ.
ޕީއެސްޖީގެ ފޯވާޑް ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއާއި ކުޅިގެން އޭނާއަށްވެސް މި މެޗުގައި ބައިވެރިއެއްނުވެވޭނެ އެވެ. މިވަގުތު އުފަން ގައުމު ބްރެޒިލުގައި ހުރި ނޭމާ، ފަރުވާއަށްފަހު ތަމްރީންތަކުގައި ބައިވެރިވާން އަދި ތިން ވަރަކަށް ހަފްތާ ނަގާނެ ކަމަށް ކްލަބުން ބުނެއެވެ.