ރޮނާލްޑޯ އަތުގައި އޮތް އިންސްޓަގްރަމްގެ ރެކޯޑެއް މެސީ މުގުރާލައިފި

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ، ކޮޕާ އެމެރިކާ 2021 ގެ ފައިނަލުގައި ބްރެޒިލް ބަލިކޮށް، އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ވަނީ ކާމިޔާބުކޮށްފައެވެ.

28 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން، ފުޓުބޯޅައިގައި މެސީގެ އެންމެ ބޮޑު އެއް ވާދަވެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި މީގެ ކުރިން އޮތް އިންސްޓަގްރަމްގެ ރެކޯޑެއް މެސީ މިވަނީ މުގުރާލައިފައެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މެސީ އަށް ލިބުނު ފުރަތަމަ ތައްޓާއެކު ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މެސީ ވަނީ ޖުލައި 10 ގައި ކޮޕާ އެމެރިކާގެ ތައްޓާއެކު ފޮޓޯއެއް އިންސްޓްގަރްމަގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯއަކީ ޗޭންޖިން ރޫމްގެ ތެރޭގައި މެސީ ތަށީގައި ހިފަހައްޓައިގެން ހުރެ ނަގައިފައިވާ ފޮޓޯއެކެވެ.

މެސީގެ މި ފޮޓޯއަށް 20 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، މިއީ މިހާތަނަށް އިންސްޓަގްރަމްގައި އެތްލީޓެއްގެ ފޮޓޯއަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯއެވެ. މި މަޤާމް މީގެ ކުރިން އޮތީ ރޮނާލްޑޯ އަތުގައެވެ. އެއީ މިދިޔަ އަހަރު މަރުވި ފުޓުބޯޅައިގެ ލެޖެންޑް މެރެޑޯނާއަށް ރޮނާލްޑޯ ދިން ޓްރިބިއުޓް ފުޓޯއެވެ. އެ ފޮޓޯއަށް 19 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.

ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު އެންމެ މޮޅު ކުޅުމެއް ދެއްކާފައިވަނީ މެސީ އެވެ. ބްރެޒިލްއާއި ދެކޮޅަށް ކުޅުނު މި ޓޯނަމެންޓްގެ ފައިނަލް މެޗު އާޖެންޓީނާއިން މި މުބާރާތް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން
2511
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ