ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓެލިޖެންސް ގްރޫޕް (އެގްމަންޓް) އާ ގުޅުމުގެ މަސައްކަތް ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، އެގްމަންޓްގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާ ކުރަންޖެހޭ ކަމަށާއި، އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސާކޮށްފައިވާ ކަމަށެވެ.
އެގްމަންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށް ވާތީ އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އެމްއެމްއޭއިން ވިދާޅުވީ، ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމާ، ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ބައްދަލުކުރައްވާފައިވާ ކަމަށާއި، ރާއްޖޭގެ އެފްއައިޔޫންއިން އެ ޓީމާއި ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ ފައިނޭންޝަލް އިންޓލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެގްމޮންޓްގައި ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ބައިވެރިވާ ކަމަށެވެ.