ވަކި ގަޑިތަކެއްގައި ވިޔަފާރިކުރުން މަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އޭޕްރިލް 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވިޔަފާރި ކުރުމާއި އިމާރާތް ކުރުމުގެ އިތުރުން ދެމުންއަންނަ ޓޭކްއަވޭގެ ހިދުމަތް ވަކި ގަޑިތަކަކަށް މަނާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން ޖެހޭނެ ކަމަށާއި މާލެ ސަރަހައްދުގެ ތިން ރަށުގައި ހިންގާ ކެފޭ އާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ތިން ރަށުގައި ހިނގަމުންދާ އިމާރާތް ކުރުމުގެ މަސައްކަތްތައް ވެސް ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އަށް ކުރިއަށް ގެންދިއުން މަނާ ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން 8:00 އަށް އާންމުކޮށް މަގުމަތީގައި އުޅުން މަނާ ކުރަން ވެސް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނިކުމެއުޅުން ވެސް ވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ