އަދީބަށް ކުރި ހުކުމް ބާތިލުކޮށްދޭން ދައުލަތުން އެދިއްޖެ

އޭރުގެ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ރަނގަޅު ނޫން ކަމަށާއި، އެހެންކަމުން އެ ހުކުމް ބާތިލުކޮށްދޭން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެހެން ބުނެފައިވަނީ އަދީބުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމުގެ އިލްތިމާސް މައްސަލަައިގައި ސްޕްރީމްކޯޓުގެ ފަނޑިޔާރުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

ދައުވާ ހުށަހެޅުމަށް އަދީބަށް ފުރުސަތު ދިނުމުން އަދީބުގެ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ، އަދީބުގެ ބެލުމުގެ ދަށުން ފިސްތޯލައެއް އަދި ވަޒަނެއް ވެސް ފެނިފައި ނުވާ ކަމަށާއި، ދައުވާކޮށް، ހުކުމް އިއްވާފައިވަނީ ދެ މީހަކު ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ. އަދި އަދީބުގެ އަތުން ފިސްތޯލައެއް ފެނުނުކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އަދީބުގެ އަތުން ފިސްތޯލައެއް ފެނުނުކަން ސާބިތު ކުރަން ހުށަހެޅި ހެކިންނަކީ އަސްލު ފިސްތޯލަ ވަކިކުރަން އެނގޭ ވަރުގެ ބައެއް ވެސް ނޫން ކަމަށާއި، އަދި ގާނޫނުލް އުގޫބާތުގައި ބުނާ ބަޑީގެ ޑިސްކްރިޕްޝަނަށް އެ އެއްޗެއް ނުފެތޭ ކަމަށެވެ. އެގޮތުން ގާނޫނު ބުނާ ގޮތުން ފިސްތޯލަ ނުވަތަ ބަޑި އަކީ 60 ފޫޓަށް ވަޒަން ދަތުރުކުރާ އެއްޗަކަށް ވާންޖެހޭ ކަމަށް އަދީބުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖޫން 1، 2016 ގައި މި މައްސަލައިގެ ހެކިބަސް ނެގި އިރު ހަމަ އެދުވަހު އިތުރު ދެ މައްސަލައެއްގެ ހެކިބަސް ނަގަން ތާވަލްކޮށްފައި އޮތް ކަަމަށާއި، މައްސަލައިން ބަރީއަވާން ގާނޫނުގައި ބުނާ އެކަށީގެންވާ ވަގުތާއި ވަސީލަތް އަދީބަށް ލިބި ވަޑައިގެންފައި ނުވާކަމަށް އަދީބުގެ ވަކީލް ވިދާޅުވިއެވެ.

އެކަންކަން އެހެން ހުރުމާއެކު، އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެމައްސަލައިގައި ހައިކޯޓުގެ ނިންމުން ބާތިލް ކޮށްދިނުމަށް އެދޭ ކަމަށްވެސް އަދީބުގެ ވަކީލު ޝަރީއަތުގައި އެދިލެއްވިއެވެ.

އަދީބުގެ ވަކީލު ހުށަހެޅުއްވި ނުކުތާތަކަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނީ އެ ދައުވާ ބިނާ ކުރި ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ މާއްދާތަކުގެ ބުނާ ކަންކަން ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، ދައުލަތުން ހުށަހެޅި ތިން ހެކިވެރިންގެ ހެކިބަހުން ވެސް ދައުވާ ސާބިތުވާވަރަށް ދެއްކިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. 

އެ މައްސަލައިގައި ފުލުހުން ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ 25 އޮކްޓޯބަރުގައި ކަމަށާއި، އެހެންކަމުން އެ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވަނިކޮށް، އެކަމަށް ވެސް ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެމައްސަލައިގައި ދައުލަތުން އެދިފައިވަނީ އަދުލުވެރި ހުކުމެއް ކުރުމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ވަނީ އެ މައްސަލަ ސާބިތުވާންޖެހޭ މިންވަރަށް ހެކި ދައުލަތަށް ދެއްކިފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް ދައުލަތުން ހެކި ނުދެކޭ ކަމަށެވެ. 

މީގެ އިތުރުން އުއްތަަމަ ފަނޑިޔާރު ވަނީ ފިސްތޯލައެއް ފެނުނުތޯއާއި، އޭގެ އެއްވެސް ތަހުލީލެއް ކުރެވިފައިވޭތޯ ވެސް ދައުލަތާއި ސުވާލު ކުރައްވާފަ އެވެ. ދައުލަތުން ބުނީ އަދީބު އަތުން ފިސްތޯލައެއް ފެނިފައިނުވާ ކަމަށާއި، އެ މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ފިސްތޯލައެއް ފެނުމުން އެއީ އަސްލު އެއްޗެއްކަން ދެނަގަނެވޭވަރުގެ އެކްސްޕަޓީސްހުރި ބައެއް ވެސް ނޫން ކަމަށެވެ. 

އަދި ތިން ވަނަ ހެކުވެރިއަކީ ހަތިޔާރުގެ އިލްމު ލިބިފައިވާ މީހެއް ނަމަވެސް އަސްލު އެއްޗެއްކަން ސާބިތުވާ މިންވަރަށް އޭނާއަށް އެ ފިސްތޯލަ ފެނިފައިނުވާ ކަަމަށެވެ. 

މީގެ އިތުރުން ދައުލަތުން ވަނީ އެ ހުކުމްތައް ޕީޖީއިން ފަހުން ރިވިއު ކުރި އިރު، ދަށުކޯޓާއި ހައިކޯޓުގެ ހުކުމް ވެސް ރަނގަޅު ނޫން ކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ. 

އަދީބުގެ ވަކީލު ވަނީ ދައުލަތުގެ އެ އިއުތިރާފާއެކު، މިއަދުވެސް އެ ހުކުމް ބާތިލް ކުރުމަށް އެދި ވަޑައިގެންފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ކަން އިއުލާން ކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ