ސްރީލަންކާ ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ

ލަންކާ އިން ހައްޔަރުކުރީ ފުނަމާ އާއި ބައިކަނޑި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައިގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އިސް ދެ އެކްވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި އިބްރާހިމް މަނިކުކަމަށް މަޝްހޫރު އޮންލައިން ނޫސް "މިހާރު" އިން ރިޕޯޓް ކޮށްފިއެވެ.

އެ ދެ މީހުންގެ ބަންދަށް ލަންކާގެ ކޯޓުން އިއްޔެ 13 ދުވަސް ޖަހައިފައިވާއިރު، "މިހާރު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފޮތާއި އެ މީހުންނާ ގުޅުމެއް ނެތެވެ. އެއީ އެ ގޭގައި އުޅުނު މީހަކު ގެންގުޅުނު ފޮތެއް ކަމަށާއި، އެ ފޮތުގެ ވެރިޔާ މި ވަގުތު ހުރީ ވެސް މާލޭގައި ކަމަށްވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

އެގެއިން ފެނުނު ފޮތަކީ، އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިއެސްއައިއެސް" އެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި އިބްރާހިމް މަނިކު ހައްޔަރުކުރީ ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި އިބްރާހިމް މަނިކުގެ އިތުރުން ވެސް ހަތަރު މީހަކު ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އަދި އެބަތިއްބެވެ. އެ މީހުން ހައްޔަރުކުރީ ދިރިއުޅޭ ގެއިން އެއާ ގަންއެއް ފެނިގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު ލަންކާ ކޯޓުން އިތުރު ކޮށްދީފައި ނުވާތީ މާދަމާ އެމީހުން މިނިވަން ކުރާނެ އެވެ.

ލަންކާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ ހުރިހާ ގެއެއް ބަލައި ފާސްކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް