އެތުލެޓިކޯއިންވެސް ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުންވެސް ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމައިފިއެވެ.

އެކަންހާމަކޮށް އެތުލެޓިކޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ކްލަބުގެ 430 ސްޓާފުންގެ މުސާރަ ހަމައަށް ދިނުމުގެ ގޮތުން ކްލަބުގެ ފިރިހެން ފުޓްބޯޅަ ބޮޑު ޓީމު ކުޅުންތެރިންގެއާއި ބޯޑު އޮފް ޑިރެކްޓަރުންގެ މުސާރައިން %70 އުނިކުރަން ނިންމާފައިވާކަމަށެވެ. އަދި މިގޮތަށް ހުރިހާ އެންމެން ޤަބޫލުކަމަށްވެސް އެތުލެޓިކޯގެ ބަޔާނުގައި ވެއެވެ.

އެތުލެޓިކޯގެ އިތުރުން ވާދަވެރި ބާސެލޯނާއިންވެސްވަނީ ކްލަބުގެ ސްޓާފުންގެ މުސާރަ ހަމައަށް ދިނުމުގެ ގޮތުން ސީނިއާރ ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމާފައެވެ. ބާސެލޯނާގެ ރައީސް ހާމަކޮށްފައިވާ ގޮތުގައި އެކްލަބުން އެގޮތަށް ނިންމާފައިވަނީ ކްލަބުގެ ކުޅުންތެރިންގެ އިސްނެގުމުގެ މަތިންނެވެ.

ސްޕެއިމްގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކާ މިއޭޕްރީލް މަހުގެ މެދުތެރެއާ ހަމައަށް އިޢުލާންކޮށްފައިވާއިރު، ހުރިހާ ކުޅިވަރު ހަރަކާތްތަކެއްވެސްވަނީ މެދުކަނޑާލާފައެވެ. އެހެންކަމުން މެޗުކުޅޭ ދުވަސްދުވަހު ކްލަބުތަކަށް ލިބެގެންދަނީ ބޮޑު އާމްދަނީއެއްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޤައުމުތަކުގެ ލީގުތައް ނިންމާލުމަށް ވާހަކަދެކެވެމުންދާކަމަށް ޔޫއެފާއިން ކަށަވަރުކޮށްދީފައިވީނަމަވެސް ލީގުތައް އެނބުރި އަންނާނެ ދުވަހެއް ހާމަކޮށްފައެއްނުވެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕާއި ލީގުވެސް މެދުކަނޑާލާފައިވާއިރު، އެދެލީގުވެސް އަލުން ފެއްޓުމާމެދު މަޝްވަރާކުރެވޭކަމަށް ޔޫއެފާއިންވަނީ ހާމަކޮށްފައެވެ. ނަމަވެސް ސީދާ ވަކި ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ.

ކޮވިޑް-19 އަށް 112000 އަށްވުރެ ގިނަ މީހުން ސްޕެއިނުން ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި އެޤައުމުން 10000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ