ކޮވިޑް-19: ނޭމާގެ ފަރާތުން ބްރެޒިލްއަށް ބޮޑު އެހީއެއް

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ނޭމާގެ ފަރާތުން އޭނާގެ އުފަން ޤައުމު ބްރެޒިލްއަށް ފައިސާގެ ބޮޑު އެހީއެއް ދީފިއެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ، ޔުނިސެފްއަށާއި ބްރެޒިލްއަށް އެހީވުމަށް 5 މިލިއަން ބްރެޒިލިއަން ރެއާލް (950000 ޔޫއެސް ޑޮލަރު) ވަނީ ހަދިޔާކޮށްފައެވެ. ރިޕޯރޓްތައް ބުނާ ގޮތުން ނޭމާ މިފައިސާ ހަދިޔާކޮށްފައިވާއިރު އޭނާގެ ނަން ހިމަނާފައެއް ނުވެއެވެ.

އެހެންނަމަވެސް ބްރެޒިލްގެ ޓީވީ ޕްރޮގްރާމެއްގައި ނޭމާގެ އެހީގެ ވާހަކަ އާންމުކޮށްފައިވާއިރު، އެކަން އެގޮތަށް ކުރަނީ މީހަކު ރަނގަޅުކަމެއް ކޮށްދިނުމުން އެވާހަކަ އާންމުންނަށް އަންގަން ބޭނުންވާތީކަމަށް ބުނެފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކްލަބަށާއި އާންމު ރައްޔިތުންނަށް ދިމާވާ މާލީ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބައެއް ކްލަބުތަކުގެ ކުޅުންތެރިން މުސާރަ ނުނަގަން ނިންމާފައިވާއިރު، އަނެއްބައި ކްލަބުތަކުން %70 ޕަސެންޓް އަދި ބައެއް ކްލަބުތަކުން %20 ޕަސެންޓް ކުޅުންތެރިއެއްގެ މުސާރައިން އުނިކުރަންވަނީ ނިންމާފައެވެ. މިގޮތަށް ކުޅުންތެރިން ނިންމާފައިވަނީ އެކްލަބުތަކުގައި ދަށް މުސާރައިގައި އުޅޭ އެހެނިހެން ސްޓާފުންގެ މުސާރައަށް އުނިކަމެއްނައިސް ހަމައަށް ލިބޭނެގޮތް ހެދުމަށެވެ.

ރިޕޯރޓްތައް ބުނާ ގޮތުން ‘ހޮސްޕިޓަލް ޑި ކްލިނިކް ބާސެލޯނާ’ އަށާއި އާޖެންޓީނާގެ މެޑިކަލް ސެންޓަރަކަށް 1 މިލިއަން ޔޫރޯ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހަދިޔާކޮށްފައިވެއެވެ. އަދި ރޮނާލްޑޯވަނީ ލިސްބޮން އަދި ޕޯޓޯގައި ހުންނަ 3 އިންޓެންސިވް ކެއާރ ޔުނިޓަކަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

އަދި ބަޔާން މިއުނިކަށް ކުޅޭ ޕޮލޭންޑްގެ ތަރި ރޮބާޓް ލެވެންޑޯސްކީވެސްވަނީ ކޮވިޑް-19 އާއި ދެކޮޅަށް ޖަރުމަނީ ކުރާ ހަނގުރާމައަށް އެހީވުމަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައިވާއިރު، މެންޗެސްޓާރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވަނީ ސްޕެއިނަށް އެހީތެރިވުމަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އަށް މުޅިދުނިޔެއިން މިލިއަނަކަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 59000 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގެ ސަބަބުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ