.ފޮޓޯ: އަވަސް

ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ކޮށްފިނަމަ ޖޫރިމަނާކުރަނީ

މީގެ ފަހުން ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ކޮށްފިނަމަ ޖޫރުމަނާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި މީގެ އިތުރުން ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.

އެ އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން 100,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެ ކަމަށާއި މިގޮތައް އަމަލުކުރަން ނިންމާފައިވަނީ މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށްފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިގޮތައް އަގުތައް ކޮންޓްރޯލް ކުރަން ނިންމާފައިވާއިރު ބާޒާރުގައި މިތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލެން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ