ކުރިއަށްއޮތް ރަމަލާން މަހަށް، މާހެފުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މެދު ކަނޑާލައިފިއެވެ.
ނުވައެއްޖަހާއިރު، ފަށަން އޮތް ނަމަވެސް، ކޯރަމް ހަމަ ނުވެގެން ފަސް ކުރުމަށްފަހު މިއަދުގެ ޖަލްސާ ފަށާފައިވަނީ 10:00 ގައެވެ.
މަޖިލީހުގެ ފަހު ޖަލްސާގައި، ކުރިއަށްދިޔައީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ. އެ ބިލުގެ ބަހުސްގެ މެދުތެރެއިިން 10:27 ގައި މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، މިއަދަކީ މަޖިލީހުގައި މާހެފުން ބާއްވާ ދުވަސް ކަމުން މާހެފުމަށް ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންނަވައިގެން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ވެސް އިބޫ ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
އެ މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖަލްސާ މެދުކަނޑުއްވާލައްވަމުން ގާސިމް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާ ފަށާނީ 11:30 ގައި ކަމަށެވެ.