އިސްލާމީ މަރުކަޒު - ފޮޓޯ: ސަން

ރަމަޟާން މަހުގެ ހަނދު ބެލުން އަންނަ ހޮނިހިރު ދުވަހު

މިއަހަރުގެ މާތްވެގެންވާ ރަމަޟާން މަހުގެ ހަންދު ބެލުން އަންނަ ހޮނިހިރު ދުވަހު ހަވީރު ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.

ރަމަޟާން މަހުގެ ހަނދު ބެލުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ރަމަޟާން މަހުގެ ހަނދު ބެލުން މި ފެށޭ މެއި މަހުގެ 4 ވާ ހޮނިހިރު ދުވަހު އޮންނާނެތީ އެދުވަހު ރާއްޖޭގެ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ރަމަޟާން މަހުގެ ހަންދުގެ މައްސަލަ ވަކި ގޮތަކަށް ނިމުމާއި ހަމައަށް ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފަށައިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓާއި އެ ޑިޕާޓްމަންޓުގެ އިދާރާގެ އިތުރުން ކައުންސިލާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.

ޑީޖީއޭއިން ވިދާޅުވީ މާލޭގައި ނަމަ، މިއަހަރުގެ ރަމަޝާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އެ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި ރަށްރަށުގައި ނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށެވެ. ހަމަ އެހެންމެ މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ އެވަގުތަކުގެ ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.

ރަމަޝާން މަހުގެ ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މުސްރާބާއި އަދި އެނޫންވެސް އެފަދަ މުޙިންމު މައުލޫމާތުތައް ދޭންވާނެ ކަމަށް ޑީޖީއޭއިން ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ހަނދާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވާ ބަޔާން އިއްވުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ހަނދާއި ބެހޭ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ