ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުކޮށްލަން ރައްޔިތުންގެ މަޖިލީހަށް އާ ބިލެއް ހުށައަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ހެނދުނު 11:00ގައި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަގައި އިއްވަން ވަނީ ތާވަލްކޮށްފައިވާއިރު، މި ބިލް ހުށައަޅުއްވާފައވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އެ ބިލުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވެ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ ކަމަށް ބިލުގައި ބުނެ އެވެ. އެ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނެތް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލުވުމުން އެ ގާނޫނު އުވޭނެކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއް ހަސަން ލަތީފު ހުށަހެޅުއްވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގުކުރެވޭނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބު ލަފާ ދެއްވާފައި ވަނިކޮށެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު، ދެން ހަދާނެ ގޮތަކާ މެދު މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެއްބަޔަކު މި ދަނޑިވަޅަކީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށާއި އެ ހައްލު ހޯދަން ޖެހޭނީ ގާނޫނަކުން ކަމަށް ބުނާއިރު ބައެއް މެންބަރުން މިކަމާއި ދެކޮޅެވެ.
އާ ކައުންސިލްތައް އިންތިހާބު ކުރެވެންދެން ކޮންމެ ރަށެއް ވެސް ހިންގުމަށް ރައީސް ބޭފުޅަކު އައްޔަން ކުރުމުގެ ހިޔާލަށް އެއްބައި މެންބަރުން ތާއީދުކޮށްފައިވާއިރު ރައީސް އައްޔަން ކުރާ ބަޔަކަށް ކައުންސިލްތައް ހަވާލު ކުރަން ދެން ތިބި މެންބަރުން ދެކޮޅެވެ. އެގޮތުން މެންބަރު ހަސަން ލަތީފަގެ ވިސްނުން ހުންނެވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާގޮތަށެވެ.




