ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމިގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮންއިރަކު ކަމެއް ނޭނގޭނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.
އަދި ހާލަތަށް ރިޢާއަތްކޮށް މިހާރު ބަންދުކޮށްފައިވާ ތަންތަނުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމުގައިވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިކަން ނިމި ރާއްޖެ އާއްމު ހަލަތަކަށް އައިސްދާނެކަމަށް މިވަގުތު އެއްވެސް މީހަކު ވިސްނައިގެން ނުވާނެކަމަށާއި، ރާއްޖޭގައި މި ބަލި ފެތުރުން ކޮޓްރޯލްކޮށްފައި އޮތްނަމަވެސް ހާލަތަށް ބަދަލު އައިސްފާނެކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިހާތަނަށް 30 އަށް ވުރެ ގިނަ ނިންމުންތައް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި 4 ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.