އަންނަ ރަމަޟާންމަހުވެސް ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރަން ފަށައިފި

ސަރުކާރުން އަންނަ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ދިނުމަށް ހަމަޖައްސާފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމަށް ބައެއް ކައުންސިލްތަކުން ވަނީ ކަނޑައަޅާފައިވާ ތާރީޚުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އިޢުލާނުކޮށްފައެވެ.

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރޯދަ ހަދިޔާ ލިބޭނެ ލިސްޓު ކައުންސިލްތަކުން ތައްޔާރުކޮށް، މިމަހުގެ 20 ގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބަލައި ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ.

އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނުކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ދެ އަހަރުވެސް ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ. މިފަދަ ހަދިޔާއެއް ދިނުމުގެ މަޤްސަދަކީ ރަމަޟާން މަހުގެ ތައްޔާރީތަކަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިދިޔަ އަހަރު (2023) ރޯދަ ހަދިޔާގެ ގޮތުގައި ބެހީ މަސްދަޅު ކޭސްތަކެވެ. އެގޮތުން 111,231 މަސް ދަޅު ކޭސް ބަހާފައިވާއިރު، ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައިވެއެވެ. މިކަމަށް ޖުމްލަ 81 މިލިއަން ރުފިޔާ ހޭދަކުރެވުނެވެ.

އޭގެ ކުރީ އަހަރު (2022) ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެ އަހަރު 82,000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރެއްވިއެވެ. މިފަހަރުވެސް ހަދިޔާ ބެހުމުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ސަރުކާރުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ