ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް "ވަކަރުގެ" ގެ ނަމުން މުހާތަބުކޮށް ސްޕްރީމް ކޯޓު ބަދަލުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިރާއްޖެ އިސްލާހުކުރަން ބޭނުންވި ބޭފުޅުން ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ފެއްޓެވީ ސްޕްރީމް ކޯޓެއް ނުވެސް ހައްދަވަނީސް ކަމަށާއި، ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ދައްކަވަނީ އެއްވެސް އިރެއްގައި މިރާއްޖޭގެ ފަނޑިޔާރުގެއަކުން ހިމާޔަތެއް ލިބިގެންނެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ނިމިދާނީ، މަރުވެދާނީ މިވާހަކަ ދެއްކުމުގައި، އަޅުގަނޑުމެން މަރުވެދާނީ މިވާހަކަ ދެއްކެވުމުގައި. ކާކަށް ބިރުދައްކަންތޯއޭ ޗިޓު ފޮނުވައިގެން ކޯޓުތަކަށް ތިދަމަނީ މިރާއްޖޭގެ "ސްޕްރީމް ވަކަރުގެއިން". "ސްޕްރީމް ވަކަރުގެ" އަޅުގަނޑުމެން އިސްލާޙް ކުރާނަން، އަޅުގަނޑުމެން ބަދަލުކުރާނަން." އިމްތިޔާޒް ފަހުމީ މަޖިލީހުގައި ވިދާޅުވިއެވެ.

ސްޕްރީމް ކޯޓު އިސްލާޙް ކުރައްވައި، ބަދަލު ކުރައްވާނެ ކަމަށާއި، މިރާއްޖެއަށް އިންސާފު ކަށަވަރު ކޮށްދެވެންދެން އެވާހަކަ ދައްކަވާނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
"މިއަދު އަދި މާބޮޑު ކަންތައްތަކެއް ހާސިލްކޮށް، އަޅުގަނޑުމެންގެ ސަރުކާރެއް ޤާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޤްލަބިއްޔަތެއް ސަރުކާރަށް ދެއްވާ، މި ހުރިހާ ކަމެއް ކުރުމަށްފަހު އަޅުގަނޑުމެން ފަހަތަށް ޖެހޭނެތޯ! އެގޮތަށް އަޅުގަނޑުމެން އަމަލުކުރާނެތޯ؟" އިމްތިޔާޒް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތައްދެކެ އަދި އިންސާފުދެކެ ލޯބިވާ ކަމަށާއި، ފަނޑިޔާރުންގެ ހައްޤުތައް ހިމާޔަތްކޮށް، ފަނޑިޔާރުންނަށް ހައްޤުވާ އިނާޔަތްތައްވެސް އެމްޑީޕީގެ ސަރުކާރުން ޤާއިމުކޮށްދެއްވާނެކަމަށް އިމްތިޠާޒް ވިދާޅުވިއެވެ.
ނަމަވެސް އިންސާފު ޤާއިމުކޮށް ނުދެއްވާ، އިނާޔަތްތައް ދެއްވުމާ މެދުގައި އިމްތިޔާޒް ވަނީ ދެކޮޅު ހައްދަވާފައެވެ.
އިތުރަށް އިމްތިޔާޒް ފަހުމީ ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އޮތް އެންމެ ބޮޑު ބިރަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ކަމަށެވެ.