ކޮރޯނާ ވައިރަހުގެ ބައްޓަމަށް ތައްޔާރު ކޮށްފައިވާ ކާރު

އިންޑިއާ މީހަކު ކޮރޯނާ ކާރެއް އުފައްދައިފި

ކޮރޯނާ ވައިރަހާއި ގުޅިގެން ތަފާތު އެތައް ކަމެއް އިންޑިއާގައި ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގައި ކާރު އުފައްދާ މީހަކު މިވަނީ ކޮރޯނަ ވައިރަސް ހުންނަ ބައްޓަމަށް ކާރެއް އުފައްދާފައެވެ.

ސުދާކަރް ނަމަކަށް ކިޔާ މި މީހާ މިކާރު އުފައްދާފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުގެ މައުލޫމާތު އާންމުނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމަށްކަމަށް ވެއެވެ.

ސުދާކަރް ބުނެފައިވަނީ މިއީ މީހުން ގޭގައިތިބުމަށް ހިތްވަރު ދިނުމަށާއި، ރައްޔިތުން ބޭރަށް ނުނިކުމެ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ސާފު މެސެޖެއް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

މިކާރަކީ އެކަކަށް އެރޭގޮތައް ތައްޔާރުކޮށްފައިވާ 6 ފުރޮޅުލީ ކާރެކެވެ. މިކާރުގެ ބައްޓަން ތައްޔާރުކޮށްފައިވަނީ މައިކްރޯސްކޯޕިކް އިމޭޖަކުން ކޮރޯނާވައިރަސް ފެންނައިރު ހުންނަ ބައްޓަމަށެވެ. ސުދާކަރް ބުނެފައިވަނީ މި ކާރު ތައްޔާރުކުރަން 10 ދުވަސް ނެގިކަމަށާއި މިކާރު ގަޑިއަކު 40 ކިލޯމީޓަރަށް ދުވާނެކަމަށެވެ.

ސުދާކަރް ބޭނުންވަނީ ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުވުމަށްޓާކައި މިކާރު އިންޑިއާގެ ހައިދަރްއާބާދްގެ ފުލުހުންނަށް ހަދިޔާކުރާށެވެ. އިންޑިއާގެ ފުލުހުން މީގެ ކުރިންވަނީ އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮރޯނާ ހެލްމެޓް އަޅައިގެންވެސް އުޅެފައެވެ. މިކަމަށް ގިނަބައެއްގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.

ސުދާކަރްއަކީ ތަފާތު ގިނަ މެސެޖްތައް މީހުންނަށް ފޯރިކޮށްދިނުމުގެ ބޭނުމުގައި ކުރިންވެސް ތަފާތު ޑިޒައިން ތަކަށް ކާރު އުފައްދާ މީހެކެވެ. އެގޮތުން މީގެ ކުރިން ކޮށީގައި ދޫނި ބަންދު ނުކުރުމަށް މެސެޖެއް ފެތުރުމުގެ ބޭނުމުގައި ކޮށްޓެއްގެ ބައްޓަމަށްވެސް ވަނީ ކާރެއް ތައްޔާރުކޮށްފައެވެ.

މީނާ ވަނީ މީގެ ކުރިން ބާގާރ، ދަބަސް، ކެމެރާ އަދި މީގެ އިތުރުން ފުޓްބޯޅައެއްގެ ބައްޓަމަށްވެސް ކާރު ތައްޔާރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ