ރާއްޖޭގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބައެއް ބާވަތް ތަކުގެ އަގު ކޮންޓްރޯލް ކޮށްފައިވާއިރު އަގު ކޮންޓްރޯލް ކޮށްފައިވަނީ އެސްޓީއޯ އަކުން ނޫން ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބައެއް އަސާސީ ކާބޯތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އެސްޓީއޯ އިން ނޫން ކަމަށާއި އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ.
އަމްރު އިތުރަށް ވިދާޅުވީ މި ތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އެޔަށްވުރެ އަގުބޮޑު ވެދާނެކަމަށް ބަލައި އެކަން ހުއްޓުވުމަށް ކަމަށެވެ. އަދި މި ތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައެޅުމަކީ މާލެ އާއި އެހެން ހުރިހާ ރަށްރަށާއި ތަފާތު ކުރުމެއްނެތި ވަކި އަގަކަށްވުރެ ބޮޑުނުވެ ގަންނަން ލިބޭނެކަން ޔަގީން ކޮށްދިނުން ކަމަށެވެ.
މި ނޫން އަގެއްގައި މިތަކެތި ނުވިއްކޭނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 1 ކިލޯގެ އާދައިގެ ރަތް ފިޔާވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި 1 ކިލޯގެ އާދައިގެ އަލުވީގެ އަގު 20 ރުފިޔާގައި ކޮންޓްރޯލްކޮށްފައިވާއިރު، 1 ކިލޯގެ ރީނދޫ މުގު ވިއްކޭގެ އެންމެ މަތީ އަގަކީ 45 ރުފިޔާއެވެ. އަދި ކުކުޅު ބިހެއްގެ އަގުވަނީ 1.80 ލާރިއަށް ކޮންޓްރޯލްކޮށްފައެވެ.
އެސްޓީއޯ އިން ބިސް ކޭހެއް ވިއްކުމަށް ނިންމާފައިވަނީ 290 ރުފިޔާ އަށެވެ. އަދި ފިޔާ ބަސްތާއެއް 325 ރުފިޔާ އަށް ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކުމަށް ކަނޑައަޅާފައިވަނީ 250 ރުފިޔާ އަށެވެ.



