ތަޢުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި އެންގުމެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް -19 ފެތުރުން ކޮންޓްރޯލުކޮށް، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށް ޓަކައި، ދިވެހިރާއްޖޭގައި ހިންގާ އެންމެ ހައި ސްކޫލުތަކާއި ތަޢުލީމު ދޭ ވައްކަތް ތަކުގައި ކިޔަވައިދިނުން 2020 އޭޕްރީލް 12 ވަނަ ދުވަހުން ފެށިގެން 1 ހަފްތާގެ މުއްދަތަކަށް ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ހިންގޭ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ތަމްރީނުދޭ މަރުކަޒު ތަކުގެ ކިޔަވައިދިނުމާއި، ދިވެހިރާއްޖޭގައި ހިންގާ ޓީއުޝަން ސެންޓަރުތަކާއި، ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރުއާން ކުލާސްތަކާއި، އެހެނިހެން ތަޢުލީމު ދޭ ކުލާސްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށްވެސް އެޗްޕީއޭގެ މިއެންގުމުގައިވެއެވެ.
އަދި މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން އަންގާފައިވާއިރު، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.




