ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދީ ނިންމުމަށް ފަހު، ދަރަނިވެރިވެފައި އޮތް ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަން ފިނޭންސް މިނިސްޓްރީން އެ ޕާޓީ އަށް އަންގައިފިއެވެ.
ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މިދިޔަ އަހަރަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އެ ޕާޓީއަށް ދޭން ތައްޔާރުވަމުންދާކަން ފިނޭންސް މިނިސްޓްރީން ޕީޕީއެމަށް އަންގާފައި މިވަނީ އެ ފައިސާ ނުދީގެން ފިނޭންސާ ދެކޮޅަށް އެ ޕާޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ޔާމީނާ އެއްކޮޅަށް ނިންމި ހިސާބުން އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސްގައި އެދުނު ނަމަވެސް، އެ ފައިސާ ފިނޭންސުން ދޫކޮށްފައެއް ނުވެއެވެ.
ޕީޕީއެމަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީ އަށް ފައިސާ ދޫކުރާނެ ކަމަށެވެ. ޕީޕީއެމްގެ އިތުރުން އިލެކްޝަންސަށް ވެސް އެކަން ވަނީ އަންގައިފަ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމް މިހާރު އޮތީ ދަރަނިވެރިވެފަ އެވެ. ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޕާޓީ ދަރަނިވެރިވީ ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. އެ ފައިސާ ލިބުނުހާ އަވަހަކަށް ދަރަނި އަދާކޮށް، ޕާޓީ ހަމަ މަގަށް އެޅޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.



