މިއަހަރުގެތެރޭ ޝިޕިންގ ދާއިރާއަށް އިންވެސްޓުކޮށް ރާއްޖެއަށް ބޯޓުތައް ގެނައުމުގެ މަސައްކަތްފެށުމަށް އެސްޓީއޯއިން ނިންމައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ، ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިހާދުއެވެ.
އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، އެސްޓީއޯގެ މަސައްކަތްތައް ފުޅާކޮށް އިޤްތިސާދީގޮތުން ނަފާ ލިބޭ ދާއިރާތަކުން އައު އިންވެސްޓްމެންޓްތައް ފެށުމަށް އެކުންފުނިން ބޭނުންވާކަމަށާއި، އެގޮތުން މިހާރު ހުއްޓިފައިވާ ޝިޕިންގ އޮޕަރޭޝަންސްތައް އަލުން ފަށާ އެދާއިރާއަށް އިންވެސްޓުކުރުމަށް އެސްޓިއޯއިން ނިންމާފައިވާކަމަށެވެ.
"ދިވެހިރާއްޖެ މުދާ ގެނައުމުގެ ޚަރަދު ވަރަށް ބޮޑު. ދިވެހިރާއްޖެއަކީ ބޭނުންވާ ހުރިހާ މުދަލެއް ކަނޑުމަގުން އެތެރެކުރާ ޤައުމެއް. ވަރަށް ޒަމާންވެއްޖެ ޤައުމީ ފެންވަރެއްގައި މިވާހަކަތައް ދައްކަމުންދާތާ. އެހެންކަމުން، ރައްޔިތުންގެ އިންޓްރެސްޓް ޕްރޮޓެކްޓްކޮށް މި ދާއިރާއަށް އިންވެސްޓުކުރުމަކީ ސަރުކާރުގެވެސް އަމާޒެއް. ރާއްޖޭގެ އިޤްތިސާދަށްވެސް އޮތް ކުރިއެރުމެއް. އެހެންކަމުން މިދާއިރާއަށް އިންވެސްޓުކުރުމުގެ މަސައްކަތް މިއަހަރުގެތެރޭ އެސްޓިއޯއިން ފަށާނެ." މިޙާދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޝިޕިންގ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައިވާއިރު މީގެ ކުރިން މި މަސައްކަތްތައްކުރީ ސަރުކާރުގެ ޝިޕިންގ ކުންފުނި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑް، އެމް.އެން.އެސް.އެލްއިންނެވެ. އެހެންނަމަވެސް ކުންފުނި ދަރަނިވެރިވެ ބަނގުރޫޓުވުމާއެކު ސަރުކާރުން ވަނީ މި ކުންފުނި އުވާލާފައެވެ. އޭރު ކުންފުނީގެ ދަރަނި 2.5 މިލިއަން ޑޮލަރަށް އަރައެވެ.
އެސްޓީއޯއިން ވިދާޅުވީ އެކުންފުނިން މިދާއިރާއަށް ވަންނާނީ ފުރިހަމަ ތައްޔާރީތައް ވުމަށް ފަހުގައި ކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ފީސިބިލިޓި ޓެސްޓުތައް ހެދުމަށްފަހުގައި ނޫނީ އެސްޓިއޯއިން މިކަމުގެ ތެރެއަށް ނުވަންނާނެކަމަށް އެސްޓީއޯގެ ފިއުލް ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަންސްގެ ޖެނަރަލް މެނޭޖަރ އަބްދުލް ވާހިދް ވިދާޅުވިއެވެ.
"އެމްއެންއެސްއެލްއަށް އޭރު ވަރަށް ޗެލެންޖަސް ދިމާވި. ޚާއްސަކޮށް މާލޭގެ ބަނދަރު އެމްއެންއެސްއެލް ބަނގުރުޓުވުމަށް ބޮޑު ރޯލެއް އަދާކުރި. މިކޮޅަށް ބޯޓު އައިއްސަ މުދާ ބާލުމަށް ދާ ވަގުތު ވަރަށް ގިނަ. މީގެ ނަތީޖާއެއްގެ ގޮތުން ޑިލޭވެ މެއިން ލައިނާސްތަކުން އެމްއެންއެސްއެލްއަށް އިތުބާރު ނުކުރަނީ. މިކަހަލަ ޗެލެންޖަސްތަކެއް ހުރި. އެހެންނަމަވެސް އެސްޓިއޯއިން މި ވަރު ބޮޑު އިންވެސްޓްމެންޓެއް ފަށާއިރު މިހުރިހާ ކަންތައްތަކެއް ބަލާފަ ކަލްކިއުލޭޓު ކުރުމަށްފަހު މީގެ ތެރެއަށް ވަންނާނީ." އަބްދުލް ވާހިދް ވިދާޅުވިއެވެ.
މި ވިޔަފާރީގެ ތެރެއަށް އެސްޓިއޯއިން ވަންނަން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާއިރު އަދި މިކަމަށް ދާނެ ޚަރަދެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.
ހިޔާލު
ތިއަ މީހުން ސައިފތް ވެސް ހެއްދި
ޓޫރިސްޓް ހޮޓާ ވެސް އެޅި
ކޮމެންޓް ކުރުން ބަންދު