ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުން ކޮވިޑް-19 ޖެހިފައިވާ ބަލިމީހަކު މިއަދު ފެނިއްޖެއެވެ.
ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލައިފައިވާ ކޮމެޓީން މިއަދު ބުނެފައިވަނީ ޔަމަނުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ހަދުރަމައުތުން ކޮވިޑް-19 ޖެހިފައިވާ މީހަކު މިއަދު ފެނިފައިވާ ކަމަށާއި މިމީހާގެ ހާލަތު އެހާ ގޯސް ނޫންކަމަށެވެ.
ހަދުރަމައުތަކީ ޔަމަނުގެ އެންމެ ބޮޑު އެއް ޕްރޮވިންސެވެ. މި ޕްރޮވިންސު އޮންނަނީ ސަރުކާރުގެ ބާރުގެ ދަށުގައެވެ.
ކޮވިޑް-19 މި ޕްރޮވިންސުން ފެނުމާއެކު މިހާރުވަނީ މި ޕްރޮވިންސުގައި ކާފިއު އިއުލާން ކޮށްފައެވެ. މިގޮތުން މިއަދު އިއުލާންކުރި ކާފިއު މާދަމާގެ ނިއަލަށް ދެމިއޮންނާނެއެވެ.
ޔަމަނުގެ ސަރުކާރާއި ހަނގުރާމަވެރިންނާއި ދެމެދު ކުރަމުންދާ ދާހިލީ ހަނގުރާމަޔަށް މިހާރު ހައަހަރު ވެފައިވާއިރު އެގައުމުގެ ހާލަތުވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައެވެ. މިގޮތުން ގިނަ ބަޔަކު ބަނޑުހައިހޫނު ކަމުގައި ދިރިއުޅެމުންދާއިރު އެގައުމުގެ ސިއްހީ ހާލަތު އޮތީ ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލެވޭފަދަ ހާލަތަކަށްވުރެ ދަށް ހާލަތެއްގައެވެ.
މިދިޔައަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 މިހާރުމިވަނީ ދުނިޔޭގެ 184 ގައުމަކުން ފެނިފައެވެ. އަދި މި ރޯގާ ޖެހުނު މީހުންގެ އަދަދުވަނީ 1.6 މިލިއަނަށް އަރައިފައެވެ.