މަޖިލިސް ރައީސަކަށް ކޮންމެ ބޭފުޅަކު ވަޑައިގަތަސް މަރުހަބާ - ޤާސިމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކަށް މަރުހަބާ ދަންނަވާނެ ކަމަށް މަޖިލީހުގެ މިހާރުގެ ރައީސް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މިއަދުއެވެ. ގާސިމް ވަނީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަމަށް ހަތަރު ވަނަ ދައުރަށް އިންތިހާބުވެފަ އެވެ.

ގާސިމް ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ފުރަތަމަ ރައީސަކު ހޮވަން ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުން އޭނާ ނާކާމިޔާބުވެވަޑައިގެންނެވީ ތިން ވޯޓުގެ ތަފާތުން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު މަޖިލީހުގެ ރައީސް ކަމަށް އައުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. ޤާސިމް ވަނީ އެކަށްޓަކައި ރައީސް ސޯލިހަށާއި އެމްޑީޕީއަށާއި ޖޭޕީ އަދި ޕީޕީއެމުން ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

"19 ވަނަ މަޖިލީހަށް ތައްޔާރުވެވަޑައިގެން، އެބޭފުޅުނަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަޅުގަނޑަށް ބަރީއަތް ވެވެނީ 28 ވަނަ ދުވަހުގެ ޖަލްސާ ބޭއްވުމާއި ހަމައަށް، އަދި އެދުވަހަށްފަހު މިތަނަށް ވަޑައިގަންނަވާ ރައީސަކީ ކޮން ބޭފުޅެއްކަން އަދި ނޭންގެ، ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

އަންނަ ދައުރުގައި މަޖިލިސް ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިމެނެއެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީ، އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މަޢުމޫންގެ އެމްއާރުއެމް އެކުގައި ކޯލިޝަން ހަދައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެރިކަމަށް ގެންނަން މަސައްކަތް ކުރިއިރު އެކުލަވާލި އެއްބަސްވުންތަކުގައިވާގޮތުން 19 ވަނަ މަޖިލީހުގެ ރައީސްކަން ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ