ޤާނޫނުގައި ބުނާ މުއްދަތުގައި ކައުންސިލް އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، 18 އޭޕްރީލް 2020 ގައި ބޭއްވުމަށް އިޢުލާންކުރެވުނު ލޯކަލް ކައުންސިލްގެ އިންތިޚާބު 2020 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވޭނެ މާހައުލެއް މިހާރު ނެތުމާއެކު، އިންތިޚާބު ބާއްވަން ޖެހޭ މުއްދަތުގައި އިންތިޚާބު ބޭއްވެންނެތްކަމަށް އެކޮމިޝަނުން ކަނޑައަޅައި އިޢުލާންކުރާކަމަށެވެ.
18 April 2020 gai beyvvumah Iulaan kurevunu #LCE2020 adhi #WDC2020 ge ithikhaab beyvveyne maahauleh mihaaru nethatheeve, inthikhaab baavvan jehey mudhdhathugai inthikhaab beyvven neiy kamah EC in kanda alhai ekan iulaan koffi.
— Elections Commission (@ElectionsMv) April 13, 2020
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އިޢުލާންކޮށްފައިވަނިކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށްވެސް އިލެކްޝަނުންވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމި މުއްދަތުގައި ނުބޭއްވޭނެތީ ކޮމިޝަނުން ނިންމީ މިމަހުގެ 18 ވަަނަ ދުވަހަށް އިންތިހާބު ފަސްކުރުމަށެވެ. ނަމަވެސް އަދިވެސް ހާލަތު ބަދަލުވެފައިނުވާތީ މި މުއްދަތުގައިވެސް އިންތިހާބު ނުބޭއްވޭނެތީ ގާނޫނީ ހައްލެއް ހޯދުމަށް ކޮމިޝަނުން ވަނީ މަސައްކަތް ފަށާފައެވެ.
މީގެއިތުރުން އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިހާރު އިއުލާނުކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އިންތިޚާބު ބޭއްވޭނެ މާހައުލެއް ގާއިމްވުމާއެކު ނުވަތަ އެކަމުގައި ޢަމަލުކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު އިންތިޚާބާ ގުޅިގެން އިތުރަށް ނިންމަންޖެހޭ ނިންމުންތައް ނިންމާނެ ކަމަށެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ޖުމްލަ 2435 މީހުން ވަނީ ކުރިމަތިލާފައިވާއިރު، އިލެކްޝަން ކޮމިޝަނުން މިމަހުގެ 18 ވަނަ ދުވަހު މިދެއިންތިޚާބުވެސް ބޭއްވުމަށް ތާވަލްކޮށް، އިންތިޚާބުގެ ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. އެގޮތުން ކެންޑިޑޭޓުންގެ ނަންބަރުވެސް ތަރުތީބުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.