އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

ކޮވިޑް-19 އާއެކު ކުރެވެމުންދާ މަސައްކަތާއި ގުޅިގެން ކޮރަޕްޝަނަށް ޝައްކުވާނަމަ ހުށަހަޅާ

ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާމެދު، ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަނުގެ ޢަމަލުތަކާމެދު ޝައްކުވާ ޙާލަތުގައި ލިބެންހުންނަ އެންމެ ގިނަ ހެކިޤަރީނާއާއެކު މި ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެސީސީއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކޮރަޕްޝަނުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

އެގޮތުން އެނޫސްބަޔާނުގައި އޭސީސީއިން ވިދާޅުވީ، ކުރިމަތިވެފައިވާ ކާރިސާގެ މި ޙާލަތުގައި، ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، އެކި ސަބަބުތަކާހުރެ، ރައްޔިތުންގެ އެކިކަހަލަ ކަންބޮޑުވުންތައް ހުރިކަން އެކޮމިޝަނަށް ފާހަގަކުރެވޭކަމަށާއި، ކޮވިޑް-19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމާއި ގުޅޭގޮތުން އެކޮމިޝަނުން ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުން ގެންދާކަމަށެވެ.

މިމަސައްކަތްތަކުގައި، ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ޢަމަލުކުރައްވަންޖެހޭނެ ގޮތްތަކާމެދު އިރުޝާދުދިނުމަށްޓަކައި، އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދިރާސާ ކުރަމުންދާކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

"މީސްމީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަންއިން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާ ވާހަކަ ދަންނަވަމެވެ." އެސީސީގެ ނޫސްބަޔާނުގައި ވެއެވެ.

އަދި ޢާންމު ޞިއްޙަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މި ޙައްސާސީ ދަނޑިވަޅުގައިވެސް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުޞޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މި ކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއްކަމަށާއި، މިޙާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އިސްވެދެންނެވި އުޞޫލުތަކަށް ތަބާވާންވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ޚުޠޫރަތްތެރި ވަގުތުތަކުގައި، ދައުލަތުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެންކަން ޤަބޫލުކުރާކަމަށްވެސް މިބަޔާނުގައިވެއެވެ.

މީގެއިތުރުން ޤާނޫނު އަސާސީއާއި ޤާނޫނުން މި ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް އޭސީސީގެ މިބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ