ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އެޅުންވެސް ލަންކާގައި މަނާ ކޮށްފި

ކަންފަތް ފޮރުވޭ ގޮތަށް އަވައްޓެރި ސްރީ ލަންކާގައި ބުރުގާ އެޅުމަކީ މަނާކަމެއްގެ ގޮތުގައި ނިންމާ އެޤައުމުގެ ސަރުކާރުން އެކަން އިއުލާނުކޮށްފިއެވެ.

ކަންފަތް ފޮރުވޭގޮތަށް ބުރުގާ އެޅުން މަނާކޮށްފައި މިވަނީ، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކަށް ފަހު އެގައުމުގެ އާންމު ތަންތަނުގައި މޫނު ފޮރުވައިގެން އުޅުން (މޫނު ބުރުގާ އެޅުން) މަނާކޮށްފައި ވަނިކޮށެވެ.

އެގޮތަށް ކަނޑައަޅާފައިވަނީ، އެޤައުމުގައި މޫނުބުރުގާ އެޅުން މަނާކުރަން ރައީސް މައިތިރިޕާލަ ސިރިސެނާ ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ނެރެފައިވާ ޤަވާއިދުގައެވެ.

މި ނިންމުން ނިންމައި ގެޒެޓްކޮށްފައިވާއިރު، ނިންމުމުގައި ބުނެފައިވަނީ ހާއްސަ ހާލަތުގެ ދަށުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން އާންމު ތަންތަނުގައި ހަރަކާތްތެރިވުމަކީވެސް މަނާކަމެއް ކަމަށެވެ.

ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، މޫނު ނިވާވާގޮތަށް، މަގުތަކުގައި އާއި އާންމުން ގޮސްއުޅޭ އިމާރާތްތަކާއި، އަދި ދަތުރުފަތުރުގެ އެއްވެސް ނިޒާމެއްގެ އިތުރުން އާންމު އެއްވެސް ތަނެއްގައި ހުރުމަކީ މަނާ ކަމެއް ކަމަށާއި، އެ ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.

އެ ގަވާއިދުގައި އިތުރަށް ބުނެފައި ވަނީ، ހައްދުފަހަނައަޅާއި ދިއުމާއި ހަރުކަށި ވިސްނުން ފެތުރުމާއި އެފަދަ ވާހަކަތައް ދައްކައި ޕްރޮމޯޓްކޮށް އެފަދަ ކަމެއްގައި ބައިވެރިވުމަކީ ނިރުބަވެރި އަމަލެއް ކަމަށް ބެލެވިދާނެ ކަމެއް ކަމަށާއި، އެފަދަ ކުށަކަށް އަރައިގެންފިނަމަ ނިރުބަވެރި އަމަލެއް ހިންގާން އުޅުނުކަމުގެ ދައުވާއާއެކު އެ ޤާނޫނުގައި ބުނާ އަދަބު ދެވޭނެ ކަމަށެވެ.

ލަންކާގައި ދެ މިލިޔަނެއްހައި މުސްލިމުން އުޅޭއިރު، މޫނު ބުރުގާ އަޅަނީ މަދު ބަޔެކެވެ. ނަމަވެސް ގިނަ މީހުން ބުރުގާ އަޅަނީ ކަންފަތް ފޮރުވޭގޮތަށެވެ. ލަންކާގެ އިސްލާމީ ކަންތައްތަކާ ބެހޭ މައި ޖަމްއިއްޔާ "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އިން ވެސް ވަނީ ހަމަލާތަކަށްފަހު، މޫނު ބުރުގާ އެޅުން މަނާކުރުމަށް ސަރުކާރަށް ލަފާދީފައެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެ ހަމަލާތައް ދިނުމުގައި ބައިވެރިވި އެކަކު ހަލަމާ ދިނީ މޫނު ފޮރުވޭ ގޮތަށް ހެދުން އަޅައިގެން ހުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ