އިންޑިއާގެ މުމްބާއީގައި ހުންނަ އެގައުމުގެ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި ކޮވިޑް-19 ފެތުރެން ފަށައިފިއެވެ.
އިންޑިއާ ކަނޑުގެ ސިފައިން މިއަދު ވިދާޅުވެފައިވަނީ، އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެސްޓަން ކޮމާންޑުން މިހާތަނަށް 21 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް މަނަވަރެއް އަދި ސަބްމެރިންއެއްގައި ވައިރަސް ފެތުރެމުން ނުދާ ކަމަށެވެ.
އިންޑިއާގެ ހެލްތު މިނިސްޓުރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 11،906 ކެވެ. އަދި މިބަލީގައި އިންޑިއާއިންވަނީ 480 މީހުން މަރުވެފައެވެ.
މިހާގިނަ އަދަދަކަށް އިންޑިއާ ކަނޑުގެ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައި މިވަނީ، މިމަހުގެ ކުރީކޮޅު މިބައްޔަށް ޕޮޒިޓިވުވިފަރާތެއްގެ ޑައިރެކްޓު ކޮންޓެކްޓު ޓެސްޓު ކުރުމުގެ ތެރެއިންނެވެ.
އިންޑިއާ ކަނޑުގެ ސިފައިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި 21 މީހުންނަކީ އެއް ބްލޮކެއްގައި ދިރިއުޅޭ ބަޔެކެވެ. މިހާރު އެ ބްލޮކް ވަނީ ލޮކްޑައުންކޮށްފަ އެވެ.




