އުލިގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ހއ. އުލިގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިކަން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން އުލިގަމު ކައުންސިލަށް އަންގާފައެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ވަނީ އެރަށް ކަރަންޓީނު ކުރިކަން އެޗްޕީއޭއިން ކައުންސިލަށް އަންގާފައިވާކަން މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުލިގަން ކަރަންޓީނު ކޮށްފައިވަނީ ނުރައްކާތެރި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް އެރަށުގައި ހުރި މީހެއްގެ ފަރާތުން ފެނުމާއި ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، އެޗްޕީއޭއިން ފާހަގަކުރާ ފަރާތް ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ކޮވިޑް-19 ރަށު ޓާސްކްފޯސްއާއި ކައުންސިލް އަދި ހެލްތު ސެންޓަރު ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ހއ. އުލިގަން ކަރަންޓީނު ކޮށްފައިވާއިރު، އެޗްޕީއޭއިން އިތުރު ގޮތަކަށް އަމަލުކުރަން އަންގަންދެން އެރަށަށް މީހުން އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުލިގަމުގައި އެކަހެރިކޮށްފައިވަނީ ކާވިޔާ ބޯޓުން މާލެއިން އައި ފަރާތެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު، ޟަރޫރީ ބޭނުންތަކަށް ނޫން ގޮތްތަކަށް އެހެނިހެން ސަރަހައްދުތަކުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ