އަވައްޓެރި ސްރީލަންކާ ގައި މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ތިން ދިވެހިން ދޫކޮށްލައިފިއެވެ.
ލަންކާ ފުލުހުން ރޭ ދޫކޮށްލާފައިވަނީ، ޗެކްޕޮއިންޓަކުން ބަލައި ފާސްކުރުމަށްފަހު "ތުހުމަތެއް" ކުރެވިގެން ހައްޔަރުކުރި ތިން ދިވެހިންނެވެ. އެއީ ކޮން ތުހުމަތެއް ކަމަށް ލަންކާގެ ކަމާއި ބެހޭ އިދާރާއަކުން ހާމަނުކުރި ނަމަވެސް "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރު ކުރީ ޤަވާއިދާ ޚިލާފަށް ގަނެފައިވާ ސައިކަލެއްގެ މައްސަލައިގައެވެ.
ލަންކާއިން ހައްޔަރުކުރި ތިން ދިވެހިން ދޫކޮށްލާފައިވާއިރު، މީގެ ކުރިން ހައްޔަރުކުރި 4 ދިވެހިންވެސް ދޫކޮށްލާފައިވަނިކޮށެވެ. ނަމަވެސް ލަންކާ ފުލުހުންގެ ބަންދުގައި އަދިވެސް އިތުރު ދިވެހިން އެބަތިއްބެވެ. އޭގެ ތެރޭގައި އައިއެސް އާ ގުޅުންހުރި ފޮތެއްގެ މައްސަލައި ހައްޔަކުރި އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުންވެސް ހިމެނެއެވެ.
އަވަށްޓެރި ސްރީލަންކާގައި އުޅޭއިރު އެޤައުމުގެ ޤާނޫނުތަކަށް ބޯލެނބުމަށް ދިވެހި ސަރުކާރުން ވަނީ އެޤައުމުގައި އުޅޭ ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ.
ސްރީލަންކާގައި މިމަހުގެ 21 ވީ އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަށްފަހު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށް، ބަލާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.