ކުޅުދުއްފުށި ސިޓީ ވެސް ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.
ކުޅުދުއްފުށި ކައުންސިލުން މިއަދު ވިދާޅުވީ ކޮލިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް ބޮޑުވެފައި ވާކަމަށެވެ. އެގޮތުން ހަލުވި ކަމާއިއެކު ފެޔުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
މިއީ އެއްވެސް މީހަކު ބޭނުންވި ހާލަތެއް ނޫން ކަމުގައި ވާއިރު، މި ކާފިއު ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދެއްވުމަށް ކުޅުދުއްފުށި ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ވަގުތު ކޮންމެހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ ފާސްތައް ތައްޔާރުކުރުމާއި އަދި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހުއްދަތައް ތައްޔާރު ކުރުމުގެ މަސައްކަތްކޮށް ފާސް ދޫކުރުން މިހާރުވެސް ކުރިއަށް ދާކަމަށް އެކައުންސިލުން ބުނެއެވެ.
ލޮކްޑައުން ހާލަތުގައި ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި ކާބޯތަތި ހޯދުމުގައި ރޭވިގެން އޯޑަރު ދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް އެކައުންސިލުން މިއަދު ނެރިފައިވާ އިޢުލާންގައި ވަނީ ބުނެފައެވެ.
ކުޅުދުއްފުށި ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް 6527173 އަށް ގުޅުވުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށާއި މިވަގުތު ސޯޝަލް ސަޕޯޓް ޑެސްކަށް ގިނަބަޔަކު ގުޅަމުން ގެންދާތީ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް އެދިލައްވާ ކަމަށް ކައުންސިލުން ދެންނެވިއެވެ. އަދި ފޯނުން ނުގުޅިއްޖެ ހާލަތެއްގައި ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 9531312 އަށް ވައިބަރ ކުރެއްވުން އެކައުންސިލުން ވަނީ އެދި ލައްވާފައެވެ.
މާލޭ ސިޓީވެސް ލޮކްޑައުން ކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް ރަށަކުން އެއްވެސް ރަށަކަށް ދަތުރު ފަތުރު ނުކުރެވޭ ގޮތަށް ސަރުކާރުން ވަނީ މުޅި ރާއްޖެ ލޮކްޑައުން ކޮށްފައެވެ.



