އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

ކުލި ނުދެއްކިގެން މީހުން ގޭން ބޭރުކޮށްލާ މައްސަލާގައި ޤާނޫނެއް ފާސްކުރަން ގޮވާލައިފި

ކުލި ނުދެއްކިގެން މީހުން ގޭން ބޭރުކޮށްލާ މައްސަލާއާއި ގުޅިގެން ޤާނޫނެއް ފާސްކޮށް ތަންފީޒު ކުރުމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އަލްހާން މިކަމަށް ގޮވާލައްވާފައި މިވަނީ މުޅި ރާއްޖެ ކޮވިޑް-19 ގެ ބިރުވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ އަދި މި ބަލީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ދަނޑިވަޅުގައި މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ބައެއް ފަރާތްތައް ވަނީ ކުލި ނުދެއްކުމުގެ ސަބަބުން އެމީހުން އުޅެމުންއައި ގެ ތަކުން ނެރެލާ މަގުމަތި ކޮށްލަމުންދާ މައްސަލަ ބޮޑުވެފައެވެ. އަދި ސޯޝަލް މީޑިއާގައި މިފަދަ ފަރާތްތަކަށް ލިބިފައިވާ ހިތްދަތިކަން ފެންނަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

މީގެ އިތުރުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތައްވެސް ގެއިން ނެރެލާކަމަށް ބުނެ އެފަދަ ޕޯސްޓްތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އެފަދަ ފަރާތްތައް ގެއިން ނެރެލާ ސަބަބެއްކަމަށް ބުނެފައިވަނީ އެ ގެތަކަށް ކޮވިޑް-19 ފެތުރިދާނެތީއެވެ.

އަލްހާން ވިދާޅުވެފައިވަނީ މި ބަލިމަޑުކަމާ ތަދުމަޑުކަމުގެ ހާލަތުގައި ކުލި ނުދެއްކިގެން މީހުން ގޭން ބޭރުކޮށް މަގުމަތި ކުރުން ހުއްޓުވުމަށް އިމަޖަންސީ ގާނޫނެއް ފާސްކޮށް ތަންފީޒުކުރުމަށް ތާޢީދު ކުރާކަމަށެވެ. އަދި އެކަން އަވަސްކުރުމަށް ސަރުކާރާ މަޖްލިސް މެމްބަރުންނަށް ގޮވާލާކަމުގައިވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ މުޅި ދުނިޔެއަށްވެސް ކުރިމަތި ވެފައިވާ ނާޒުކު ވަގުތު ކޮޅެކެވެ. އަދި މުޅިރާއްޖެއަށްވެސް ދަތި ވަގުތު ކޮޅެކެވެ. މިފަދަ ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީ ހެޔޮފޯރުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ބައެއް ފަރާތްތަކުން އެ ގޮތަށް ގެއިން ނެރެލާ ބޭފުޅުންނަށް އަޅާފައި އެހީތެރިކަން ފޯރުކޮށްދޭ ކަމީ މިނޫހުން އުފަލާއެކު ފާހަގަ ކުރާކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ