އިންޑޮނޭޝިއާގެ މަލުކު އައިލެންޑްގެ ބައެއް މުސްލިމުން ރޯދަމަސް ފެށީ އިއްޔެ

އިންޑޮނޭޝިއާގެ މަލުކު އައިލެންޑްގެ ބައެއް މުސްލިމުން ރޯދަމަސް ފެށީ އިއްޔެ އެވެ.

އިންޑޮނޭޝިއާގެ ގިނަ މުސްލިމުން އެގައުމުގެ ސަރުކާރުން ރޯދަމަސް ފަށާނެ ދުވަހަށް އިޢުލާން ކުރަންދެން މަޑުކޮށްގެން ތިބިނަމަވެސް މަލުކު އައިލެންޑުގެ ބައެއް މުސްލިމުން މިދިޔަ އަންގާރަ ދުވަހު ތަރާވީޙް ނަމާދުކޮށް އިއްޔެ ރޯދަ އަށް ހުންނެވި ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ރޯދަމަސް ފަށާނެ ދުވަސް އިޢުލާން ކުރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އެޕްރީލް 2020 ގައި ނަމަވެސް މަލުކު އައިލެންޑުގެ ބައެއް ވިލެޖުތަކުގައި ރޯދަ މަސް ފެށީ އިއްޔެ އެވެ. އިއްޔެ ރޯދަމަސް ފަށާފައިވާ ވިލެޖުތަކުގެ ތެރޭގައި ވަކަލް، ހިލާ، ޓެންގާ، ޑައި އަދި ޕްލައު ޕަންޖަންގ ހިމެނެއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ކޮވިޑް-19 ފެތުރެމުންދާތީވެ ޖަމާޢަތުގައި ނަމާދު ކުރުން މަނާކޮށްފައެވެ. ނަމަވެސް މަލުކު އައިލެންޑުގެ ވިލެޖު ތަކުގައި ވަނީ ޖަމާޢަތުގައި ތަރާވީޙް ނަމާދު ކޮށްފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބައެއް ވިލެޖު ތަކުގެ މިސްކިތްތައް ފުރިގެން މިސްކިތުން ބޭރުގައިވެސް ޖަމާޢަތް ހަދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާ އުލެމާ ކައުންސިލް (އެމްޔޫއައި) ގެ ސެކްރަޓަރީ ޖެނަރަލް އަންވަރު އައްބާސް ވިދާޅުވީ ބައެއް ފަރާތްތަކުން ރޯދަމަސް އަވަހަށް ފެށިނަމަވެސް އެކާމާއި ދެކޮޅު ނުހައްދަވާ ކަމަށާއި ނަމަވެސް މިހާލަތުގައި ޖަމާޢަތުގައި ނަމާދުކުރުމާއި މެދު އެފަރާތްތަކުން ވިސްނަންޖެހޭނެ ކަމަށެވެ.

އިންޑޮނޭޝިއާގައި ވަނީ ޖަމާއަތުގައި ނަމާދު ކުރުމުގެ އިތުރުން ރޯދަ މަހު ބައިގިނަކޮށް އެއްވެގެން ރޯދަ ވީއްލުން ފަދަ އިވެންޓުތައް ބޭއްވުންވެސް މަނާކޮށްފައެވެ.

އިސްލާމީ ގިނަ ގައުމުތަކަށް ރޯދަ މަސް ފެށިނީ މާދަމާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ