ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިންޑޮނޭޝިއާގެ މުސްލިމުން ހައްޖަށް ދިއުން މިއަހަރުވެސް މަނާކޮށްފިއެވެ.
މުޅިދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް މުސްލިމުން ދިރިއުޅޭ ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުވެސް އެދެމުން ދާއިރު ކޯޓާގެ ދަތިކަމާއިހުރެ ކޮންމެ އަހަރަކުވެސް މި އެދޭމީހުންގެ ތެރެއިން ހައްޖަށް ދެވެނީ މަދުބަޔަކަށެވެ.
އިންޑޮނޭޝިއާގެ ރިލިޖިއަސް އެފެއާރސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މީގެކުރީ އަހަރެކޭ އެއްގޮތަށް ނިންމައިފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ހައްޖަށް ދިއުމުގެ ހުއްދަ ނުދޭން ކަމަށެވެ.
އިންޑޮނޭޝިއާގެ ރިލިޖިއަސް އެފެއާރސް މިނިސްޓަރ ވިދާޅުވީ، ހަމައެކަނި އިންޑޮނޭޝިއާ އެކަނި ނޫންކަމަށާއި، އެއްވެސް ގައުމަކަށް ސައުދީއަރަބިއްޔާއިން މިއަހަރު ހައްޖުގެ ކޯޓާ ނުދޭކަމަށެވެ. މިހާތަނަށް މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި އަދި ސޮއި ނުކުރާ ކަމަށެވެ. މިއާއެކު ހައްޖުވުމަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށް އަންނަ އަހަރު އެފުރުސަތު ދޭނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ސައުދީއަރަބިއްޔާއިން މިދިޔައަހަރުވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެހެނިހެން ގައުމުތަކުން މުސްލިމުން އެގައުމަށް އައުން މަނާކޮށްފައެވެ. މިއީ މިފަހުގެ ތާރީހެއްގައި ނިންމި މިފަދަ ފުރަތަމަ ނިންމުމެވެ.
ސައުދީއަރަބިއްޔާގެ ހެލްތް މިނިސްޓްރީއިން މިއަހަރުގެ މާރޗްމަހު ބުނެފައިވަނީ، ކޮވިޑް-19 ވެކްސިން ޖަހައިފައިވާ ފަރާތްތަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެކަމަށެވެ. މި ނިންމުމަށް އަދި ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައެއް ނުވެއެވެ.