އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިޓާލިއަން ސީރީއާގެ މުއްދަތު އިތުރުކޮށްފިއެވެ.
އެގޮތުން އެފެޑެރޭޝަނުންވަނީ ސީރީއާ އޮގަސްޓް 2 އާއި ހަމައަށް އިތުރުކޮށްފައެވެ. ސީރީއާގެ މުއްދަަތު އިތުރުކޮށްފައި މިވަނީ ކޮންމެ ގައުމެއްގެވެސް ލީގު ނިންމުމަށް ޔޫއެފާއިން އެދިފައިވާ ވަގުތެއްގައެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ޔޫއެފާގެ އެގްޒެކިއުޓިވް ކޮމިޓީގެ ވީޑިއޯ ކޮންފެރެންސް ބައްދަލުވުމެއްގައި ޔޫއެފައިން މިގޮތަށް އެދިފައިވާއިރު، މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އަންނަ އަހަރު ކުޅޭގޮތަށް ހަމަޖެއްސި ނަމަވެސް މުބާރާތުގެ ނަމަށް ބަދަލެއް ނުގެންނަންވެސް ޔޫއެފާއިންވަނީ ނިންމާފައެވެ.
އިޓަލީއިން ކްލަބު ތަކުގެ ފަރިތަކުންތައް މެއި 4 ގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޓާލިއަން ސީރީއާ ފަސްކޮށްފައިވާއިރު، ބައެއް ކްލަބުތައް 25 މެޗު އަދި އަނެއް ކްލަބުތައް 26 މެޗުވަނީ ކުޅެފައެވެ. 26 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު، ދެވަނާގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެކްލަބުވެސްވަނީ 26 މެޗު ކުޅެފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިޓަލީ މިހާރުވެސް ލޮކްޑައުން ކޮށްފައިވާއިރު، އެގައުމު އުޅެނީ މިވައިރަހަށް ތިންވަނައަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމުގެ ގޮތުގައެވެ. އިޓަލީއިން މިހާތަނަށް ޖުމްލަ 190000 އެއްހާ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، މިވައިރަހުގައި 25500 އަށްވުރެ ގިނަ މީހުން އެގައުމުންވަނީ މަރުވެފައެވެ.




