ނިމިދިޔަ 2018 ވަނައަހަރު އުރީދޫން މަސްރޭސް މުބާރާތުގެ ޗެންޕިއަން ޓީމަށް އިނާމު ހަވާލުނުކުރާ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށް މިދިޔަ އަހަރުގެ ޗެންޕިއަންޓީމުން ހާމަކޮށްފިއެވެ.
ޗެމްޕިއަން ޓީމުން ބުނީ، ނިމިދިޔަ މުބާރާތުގެ އެއްވަނަ އަށް ދިޔަ ޓީމަށް އިނާމެއްގެ ގޮތުގައި ދޭންޖެހޭ 175،000ރ ގެ އަގުހުރި ޑިންގީ ހަވާލުކޮށްފައި ނުވާ ކަމަށާއި، ފައިސާގެ އިނާމް ލިބިފައިވަނީ އެތައް ފަހަރަކުން ބައްދަލުކުރުމަށް ފަހު 11 މަސް ފަހުން ކަމަށެވެ.
"މިމައްސަލަ ސޯޝަލް މީޑިއާގައި ދެކެވެން ފެށުމުން އުރީދޫން ވަނީ އަޅުގަނޑުމެނާ ބައްދަލުކޮށްފައި. އުރީދޫން ބުނަނީ ޑިންގީއަކީ އެބޭފުޅުން ދޭންޖެހޭ އެއްޗެއް ނޫންކަމަށް. އެއީ ސްޕޮންސަރުންގެ ފަރާތުން ދޭންޖެހޭ އެއްޗެއްކަމަށް. އުރީދޫން ވަނީ އެއްވަނަ އިނާމް ދިނުމަށް ދެކޮޅު ހަދާފައި. އޭގެ ބަދަލުގައި ފައިސާ ދޭންވެސް އެއްބަހެއް ނުވޭ. ދެން ބުނި 48 ގަޑި އިރު ފަހުން އެކަމާ އިތުރަށް ވާހަކަ ދެއްކުމަށް ބައްދަލުކުރުމަށް. ނަމަވެސް އޭގެފަހުން އެއްވެސް ހަބަރެއް ނުވޭ އުރީދޫއަކުން." އެއްވަނަ ޓީމުގެ ފަރާރުން މާޒިން ބުންޏެވެ.
މިކަމާގުޅިގެން އުރީދޫގެ ޕަބްލިކް ރިލޭޝަން ނޫރާ، އޮންލައިން ނޫސް "ވޮއިސް" އަށް ވިދާޅުވެފައިވަނީ އެއްވަނައަށް ދިޔަ ޓީމާ ވާހަކަ ދައްކަމުންދާ ކަމަށާއި، ވީ އެންމެ އަވަހަށް އިނާމް ހަވާލުކުރެވޭތޯ ބަލަމުންދާ ކަމަށެވެ.
އުރީދޫގެ މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަތަރު އަންހެންޓީމު ހިމެނޭހެން ޖުމްލަ 16 ޓީމު ވާދަކުރާނެއެވެ.
އުރީދޫގެ މިއަހަރުގެ މަސްރޭހުގެ އެއްވަނަ ޓީމަށް 50،000ރ، އެންމެ ގިނަ މަސްބާނާ "މަސްވެރިޔާ" އަށް 5000ރ އަދި ރަންކޯރި ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމަށް ހޮވޭ ފަރާތްތަކަށްވެސް 5000ރ ގެ އިނާމެއް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.
ހިޔާލު
Adhives vaane Mubaaraiy baahvan nuvaa varun
ކޮމެންޓް ކުރުން ބަންދު