ބައެއް މަޢުލޫމާތު ބަދަލުކޮށް, އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓައިފި

ކުށް މަޢުލޫމާތުތަކާއެކު އެމެރިކާއިން ދިވެހިރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ހިމެނޭ ބައެއް މަޢުލޫމާތުތައް ބަދަލުކޮށް، އެޑްވައިޒަރީ ދަމަހައްޓައިފިއެވެ.

އެމެރިކާއިން މިއަދު ފުރަތަމަ ނެރުނު ލެވެލް 2 ގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށް ސަމާލުވުމަށާއި، ދިވެހިރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އިތުރުވެ ސަރުކާރުގެ ބޮޑު ޖަލެއް ހުންނަ މާފުށީގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ހަމަނުޖެހުން ހިނގާ ކަމަށާއި، މުޒާހަރާ ކުރަމުންދާކަމަށް އެމެރިކާއިން ބުނިއިރު، އެފަދަ އެއްވެސް ކަމެއް ދިވެހިރާއްޖޭގައި ނެތެވެ.

އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ގިނަ ކުށް މަޢުލޫމާތުތަކެއް ހިމެނޭއިރު، އެކަން ރާއްޖޭގެ ސަމާލުކަމަށް އައިސް އެމެރިކާއިންވެސް ވަނީ އެޑްވައިޒަރީގައި ކުށް މަޢުލޫމާތު ހިމެނޭކަމަށް އެއްބަސްވެފައެވެ.

ކުށް މަޢުލޫމާތު ހިމެނޭ ޓްރެވަލް އެޑްވައިޒަރީގެ މައްސަލަ ބޮޑުވުމުން އެމެރިކާއިން ދާދި ދެންމެ ވަނީ، އޭގައި އެކުލެވޭ ކުށް މަޢުލޫމާތުތައް އުނިކޮށްފައެވެ.

ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން ވިދާޅުވީ، އެޑްވައިޒަރީގައި ހިމެނޭ ކުށް މަޢުލޫމާތު އުނިކޮށްފައިވީ ނަމަވެސް، އެމެރިކާއިން ރާއްޖެއަށް ނެރުނު ލެވެލް 2 ގެ ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓާ ކަމަށާއި، ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެމެރިކާއިން ދެމެހެއްޓި ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދިނުން ގާތް ކަމަށާއި، ދަތުރު ކުރުމުގައި ސަލާލުކަން ދޭން ޖެހޭކަމަށެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރި މަންޒަލްތަކަށާއި، ދަތުރުވެރިން ޖަމާވާ ތަންތަނަށާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ކުޑަ އިންޒާރެއް ދިނުމާއެކު، ނުވަތަ އެެއްވެސް އިންޒާރަކާ ނުލައިވެސް ނިރުބަވެރި ޖަމާއަތަކުން ހަމަލާދީފާނެކަމަށް އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަމާގުޅޭ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތި ރާއްޖޭގެ ޖަޒީރާ ރަށެއްގައިވެސް ހަމަލާއެއް ދީފާނެކަމަށް ސަމާލުވުމަށް އެމެރިކާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ