ކުޅުދުއްފުށީގެ މިސްކިތެއް - ފޮޓޯ: ފެށުން

ރަމަޟާންމަހަކީ ރަޙުމަތާއި، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މައްސަރު - ޚުޠުބާ

މުސްލިމުން ކުރިމަތިލުމަށް ތައްޔާރުވަމުންދާ ރަމަޟާން މަހަކީ، ރަޙުމަތާއި، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ ބަރަކާތްތެރި މައްސަރުކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހަކީ އިލާހީ ރަޙުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެއް ކަމަށާއި، މިފަދަ ބަރަކާތްތެރި މާތް މައްސަރެއް މުސްލިމުންނަށް މިންވަރުކުރެއްވި ކަމަށްޓަކައި އެކަމަށް ޝުކުރުކޮށް އުފާކުރުން ޙައްޤުކަމަށެވެ.

"ރޯދަމަހުގެ ފުރަތަމަ ރޭ އައުމުން ﷲ ސުބްހާނަހޫ ވަތައާލާ ނުކިޔަމަންތެރި ޖިންނި ޝައިޠާނުން ކަސްތަޅު އަޅުއްވައެވެ. އަދި ނަރަކައިގެ އެއްވެސް ދޮރެއް ދޫނުކުރައްވައި ހުރިހާ ދޮރެއް ބަނދުކުރައްވައެވެ. ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތައް ހުޅުއްވައެވެ. އަދި ގޮވާމީހަކު ގޮވާލައެވެ. "އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އަންނާށެވެ! އޭ ނުބައިކަމަށް އެދޭ މީހާއެވެ! ހުއްޓާލާށެވެ! އަދި ﷲ ތައާލާ ކޮންމެ ރެއަކު ނަރަކައިން ބަޔަކު މުއްޔިކުރައްވައެވެ."" ރަމަޟާން މަހުގެ މާތްކަން ބަޔާންކުރައްވާފައިވާ ރަސޫލާ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ ޢަމަލުކުުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މި މާތް މައްސަރުގެ ރަހުމަތާއި، މަޢުފިރަތާއި، ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ހުކުރު ޚުޠުބާގައި ނަސޭހަތް ދެއްވާފައިވެއެވެ.

ހުކުރު ޚުޠުގާގައި އިތުރަށް ވިދާޅުވެފައިވަނީ، ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ތަޤްވާގެ މާތް ސިފަ އަށަގެންނެވުން ކަމަށާއި، މި މައްސަރު މާތްކުރެއްވުނު އެއް ސަބަބަކީ އެ މައްސަރުގައި ކީރިތި ޤުރުއާން ބާވައިލެއްވުން ކަމަށްވީއިރު، ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ.

ރޯދައަށް ހުރެގެން މުސްލިމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ފަރުޞު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި، ރަމަޟާން މަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، ތަރާވީޙު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަން ކުރަންޖެހޭ ކަމަށްވެސް އަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވާފައިވެއެއެވެ.

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ