ބަދިގެތެރޭން - އޯރިއޯ ކޭކު

ބަދިގެ ތެރޭން މިފަހަރު މިގެނެސްދެނީ އޯރިއޯ ކޭކު ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

1 ½ ޖޯޑު ފުއް (220 ގްރާމް)

½ ޖޯޑު ކޮކޯ ޕައުޑާރ (60 ގްރާމް)

1 ސައިސަމްސާ ބޭކިން ޕައުޑާރ

½ ސައިސަމްސާ ބޭކިން ސޮޑާރ

¼  ސައިސަމްސާ ލޮނު

½ ޖޯޑު އޯރިއޯ ބިސްކޯދު (މުގުރާފައި)

¾ ޖޯޑު ބަޓާރ (175 ގްރާމް)

1 ޖޯޑު ހަކުރު (200 ގްރާމް)

2 ބިސް

1 ½ ސައިސަމްސާ ވެނީލާ އެސެންސް

1 ޖޯޑު ބަޓާރ މިލްކް (240 އެމްއެލް)

ކޭކު ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ފުއް، ކޮކޯ ޕައުޑާރ، ބޭކިން ޕައުޑާރ، ބޭކިން ސޮޑާރ އަދި ލޮނު ރަނގަޅަށް ފުރާނާލާށެވެ. އެއަށްފަހު މުގުރާފައި ހުރި އޯރިއޯ ބިސްކޯދުތަށް އަޅާލުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށް މިކްސް ކޮއްލާށެވެ. ދެން ވަކިން ތައްޓެއްގައި ބަޓާރ އަދި ހަކުރު ރަނގަޅަށް (ފުފެންދެން) އެއްކޮށްލާށެވެ. އެއައްފަހު އޭގެތެރެއަށް ބިހާއި އެސެންސް އަޅާ ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން އެންމެ ފުރަތަމަ މިކްސް ކުރި އޯރިއޯ ބިސްކޯދުތަށް އަޅާ ރަނގަޅަށް އެއްކޮއްލާށެވެ. ދެން ބަޓާރ މިލްކް އެޅުމަށްފަހު އަނެއްކާވެސް އަލުން ރަނގަޅަށް ގިރާލާށެވެ. ދެން ޓްރޭގައި ތެޔޮ ނުވަތަ ބަޓާރ ހޭކުމަށްފަހު ފުއްކޮޅެއް އަޅާ ޓްރޭގައި އެއްކޮށް ހާކާލާށެވެ. އެންމެފަހުން ގިރާފައި ހުރި ކޭކު ފުއްގަނޑު ޓްރޭގެ ތެރެއަށް އެޅުމަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 45 މިނެޓް ވަނދެން ފިހެލާށެވެ.

ކްރީމްގަނޑު ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ 12 އޯރިއޯ ބިސްކޯދު (ހިމުންވަންދެން) މިކްސްޗާރ ކޮއްލާށެވެ. އެއައްފަހު ( ¾ ޖޯޑު ނުުވަތަ 175 ގްރާމް)، ބަޓާރ، (2 ސައިސަމްސާ) އެސެންސް (1 ¾ ޖޯޑު ނުވަތަ 395 ގްރާމް) ކްރީމް ޗީޒް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން (2 ½ ޖޯޑު ނުވަތަ 315 ގްރާމް ) އައިސިން ޝުގާރ އަޅާ ރަނގަޅަށް ފުފެންދެން ގިރާލާށެވެ. ދެން  އެންމެ ފުރަތަމަ މިކްސް ކުރި އޯރިއޯ ބިސްކޯދުތަށް އަޅާ ރަނގަޅަށް އެއްކޮއްލާށެވެ. މިހާރު މިވަނީ އޯރިއޯ ކްރީމް ގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ކޭކު ރަނގަޅަށް ހިހޫ ވުމުން ތިންބަޔަށް ވާގޮތަށް ފަޅާލާށެވެ. އެއަށްފަހު ތައްޔާރުކުރި ކްރީމް ގަނޑު ލޭޔާސް ކޮށް ކޮންމެ ބައެއްގައި ވަކިން ހާކާލާށެވެ. މިހާރު މިވަނީ އޯރިއޯ ކޭކު ތައްޔާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ