ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އިރްފާން ޚާން އުމުރުން 54 އަހަރުގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.
އިރްފާން ޚާން އަށް މުމްބާއީ ހޮސްޕިޓަލް ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އިރުފާން ދިޔައީ 2018 ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާއަށް ޖެހުނީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށްވާ ނިއުރޯއެންޑޮކްރައިން ޓިއުމާއެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔަކަށްވާއިރު މި ބަލީގެ ސަބަބުން ލެއަށް ހޯމޯން ފޮނުވާ ސެލްތަކަށް އަސަރު ކުރެއެވެ.
މިދިޔަ އަހަރު އިރުފާން ވަނީ ކެންސަރު ބަލިން ސަލާމަތްވުމަށް އޮޕަރޭޝަނެއްވެސް ކޮށްފައެވެ.



