މާލޭ މާރުކޭޓް - ފޮޓޯ: ވަގުތު

ރަމަޟާން މަހަށް ތަކެތީގެ އަގު ބޮޑުކުރުން - ގޯހެއް!

މާދަމާ ފެށޭ ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ އަޅުކަމުގެ މައްސަރެކެވެ. ރަޙުމަތާއި، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ ބަރަކާތްތެރި މައްސަރެކެވެ. އެމަހަކީ އިލާހީ ރަޙުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެކެވެ.

ބަރަކާތްތެރި އަޅުކަމުގެ މައްސަރާ ދިމާކޮށް އާއްމު ރައްޔިތުން އަބަދުވެސް ދައްކާ ހަޤީޤީ ވާހަކަތަކެއް އޮވޭމެއެވެ. ތަކެތީގެ އަގުބޮޑުވާކަމުގެ ޝަކުވާތަކެވެ. މިއަދަކު އިއްޔެއަކު ނޫނެވެ. ޒަމާނުންސުރެ ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. ވަކިން ހާއްޞަކޮށް މާރުކޭޓުގައި ވިއްކާ ބާވަތްތަކުގެ އަގު އުފުލިގެންދާކަމީ ހަޤީޤަތެކެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށެން އެއްދުވަހަށް ވެފައިވާއިރު، މަސް މާރުކޭޓުގައި ވިއްކާ މަހުގެ އަގުތައް އުފުލިފައިވާއިރު، ރަމަޟާން މަސް ފެށުމާއެކު ރޯމަހުގެ އަގު ބޮޑުތަނުން އުފުލޭނެކަމަށް މަސްވެރިން މަޢުލޫމާތު ދެއްވައެވެ.

ކާބޯތަކެތި ވިއްކާ މާރުކޭޓްގެ އަގުތައްވެސް މިވަނީ އެތައް ގުނައަކުން އުފުލިފައެވެ. އަގުތައް އުފުލިފައިވާ މިންވަރު އެންމެ ބާވަތެއްގެ އަގަށް ބަލާލިޔަސް ހާމަވެއެވެ. އެގޮތުން ބަލާއިރު ކުރިން 30ރ އާއި 35ރ އަށް ލިބެންހުރި ލެޓިއުސް ކިލޯއެއް މިހާރު ލިބެން ހުރީ 120ރ އަށެވެ.

ކުރިން 40 ރުފިޔާއަށް ލިބެންހުރި ލިނބޯ ކިލޯ 50ރ އަށް އަދި 55ރ ލިބެމުންއައި ލޮނުމެދު ކިލޯ މިހާރު ލިބެންހުރީ 80ރ އަށެވެ. އަދި އާއްމުކޮށް 5 ރުފިޔާއަށް ވިއްކާ ކާއްޓެއް މިހާރު 18 ރުފިޔާއަށްވެސް ނުލިބޭއިރު، ކުޅިކަމަށް ނަން މަޝްހޫރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ 1000ރ ގައެވެ.

މާލޭ މާރުކޭޓް - ފޮޓޯ: ވަގުތު

ހަލާލު ކޮންމެ މަސައްކަތަކީ އަޅުކަމަކަށް ވީހިނދު ބަރަކާތްތެރި މައްސަރާ ދިމާކޮށް ކާބޯތަކެތި ގަންނަ ފަރާތްތަކަށް ބޮޑު އަގުގައި ތަކެތި ވިއްކައިގެން ދަހިވެތިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ހެޔޮ ނިޔަތުގައި އަގު އާއްމު އަގުތަކުގައި ހިފަހައްޓައިގެން ވިޔަފާރި ކުރަން އާދަކުރަންޖެހެއެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގައި ސަޕްލައި މަދުވުމަށްވުރެ ވިޔަފާރިވެރިންގެ ވިޔާނުދާކަން ބޮޑެވެ. ވީހިނދު ރަމަޟާން މަހުގެ ސަވާބާއި، ދަރުމައަށް އެދި ހެޔޮ ގޮތުގައި ވިޔަފާރި ކުރުން ކީތްތޯއެވެ!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ