ލޯ ތޮޅުމާ ބެހޭ ގޮތުން ސުވާލުކޮށްލައިފިނަމަ ގިނަ މީހުން ދޭނެ 2 ޖަވާބަކީ މިއީއެވެ. ކަނާއަތު ލޯ ތޮޅުމަކީ އެއީ ރަނގަޅު ކަމެއް ވާން އުޅޭ ކަމުގެ ނިޝާނެވެ. އަދި ވައަތު ލޯ ތޮޅުމަކީ ގޯސްކަމެއް ނުވަތަ ބަދު ނަސީބުކަމެއް މެދުވެރިވާން އުޅޭ ކަމުގެ ނިޝާނެވެ. ކޮންމެކައަސް މިއީ އަހަރެމެން ދިވެހިން ގެ ތެރޭގައި ލޯ ތޮޅުމާ ބެހޭގޮތުން ޤަބޫލުކުރާ ބޯދާ ކަންތައްތަކެކެވެ.
ނަމަވެސް ލޯ ތޮޅުން މެދުވެރިވާން ދިމާވާ ސަބަބާ މެދު އިލްމީ ނަޒަރަކުން ސައިންސްގެ އެއްވެސް ހެއްކަކާމެދު ވިސްނާލިންހެންޔެވެ.؟ ލޯ ތޮޅުމަކީ ސިއްހީ ގޮތުން ނުރައްކާތެރި އަލާމާތެއް ނޫން ކަމުގައިވިޔަސް، ބައެއް މީހުންނަށް މި އުނދަގުލުގައި ބައެއްފަހަރު އެއް ގަޑިއިރު، އެއް ދުވަސް އަދި އެއް ހަފްތާ ވަންދެއްވެސް އުޅެންޖެހޭ ފަހަރު އާދެއެވެ. ބައެއްފަހަރު ލޮލުގެ މަތީގައިވާ ބޮނޑިއާއި ނުވަތަ ތިރީގައިވާ ބޮނޑީގެ މަސްތައް އަދި ލޮލުގެ ދެ ބޮނޑީގައިވާ މަސްތައް ތޮޅޭ ފަހަރު އާދެއެވެ. އެހެންކަމުން ލޯ ތޮޅެން ދިމާވާ ސަބަބުތަކަކީ ކޮބާކަން ބަލާލަމާ ހިނގާށެވެ.
ވަރުބަލިވުން އަދި ހާސްވެކަންބޮޑުވުން
ޑޮކްޓަރުން މައުލޫމާތު ދޭގޮތުގައި ލޯ ތޮޅުމަށް މެދުވެރިވާ މައިގަނޑު އެންމެ ބޮޑު ސަބަބަކީ މާ ބޮޑަށް ވަރުބަލިވުމުވެ. ވަރުބަލުވުމަށް ދިމާވާ ސަބަބަކީ ސްޓްރެސް ވުން ނުވަތަ ހާސްވެކަންބޮޑުވުން އަދި ފުރިހަމަ ނިދި ނުލިބުމެވެ. އާއްމުކޮށް ހާސްވެކޮންބޮޑުވުން މެދުވެރިވާނީ، ވަޒީފާގެ މައިދައިނުގާ ބުރަކޮށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި ހަމަ ނިދި ނުލިބެ ރޭގަނޑާއި ދުވާލު މަސައްކަތް ކުރަން ޖެހުމުން ކަނަތައްތަކާ ވިސްނާ ފިކުރު ބޮޑުވެއެވެ. މިކަންކަމުގެ ސަބަބުން ލޮލަށް ކުރާ ބާރުބޮޑޫވެ ލޯ ތޯޅުމަށް މެދުވެރިވެއެވެ. އެހެންކަމުން ލޯ ތޮޅުން ރަނގަޅުކުރަން ބޭނުންނަމަ އޮތް ފަރުވާއަކީ ފިކުރުތަކުން ދުރުވެ، އަރާމުކުރުމެވެ.
މާ ގިނައިން ކެފެއިން ބޭނުންކުރުން
ކެފެއިން އެކުލެވޭ ކާބޯތަކެތި މާގިނައިން ބޭނުންކުރުމަކީ ވެސް ލޯ ތޮޅުމަށް މަގުފަހިވާ ކަމެކެވެ. ކެފައިން އެކުލެވޭ ތަކެއްޗަކީ އާއްމުކޮށް ފުރިހަމަ ނިދިން ދުރުކޮށްދޭ ތަކެއްޗެވެ. އެހެންކަމުން އެތަކެތި ބޭނުންކުރުމުން، ރޭގަނޑުގެ ނިދި ނުލިބުމުގެ މައްސަލަތައް ދިމާވެ ލޮލަށް ވަރުބަލިކަން ގެނެސްދީ ލޮލަށް ކުރާ ބާރު އިތުރުވެ، ލޯ ތޮޅުމަށް މެދުވެރިވެއެވެ.
ލޯ ހިކުން
ލޯ ހިކުމަކީ، ގިނަ ވަގުތު ކޮމްޕިއުޓަރ ކައިރީ ހުރުމުގެ ނުވަތަ ފޯނު ބޭނުންކުރުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ލޮލަށް ވަރުބަލިކަން ގެނެސްދީ، ލޯ ތޮޅުމަށް މެދުވެރިވެއެވެ.
އަހަރެމެން އާއްމު ދިރުއުޅުމުގައި ފަރުވާ ކުޑަކުރެވޭ ކަންކަމުން ސަބަބުން ލޯ ތޮޅުމުގެ މައްސަލަ އާއްމުގޮތެއްގައި ދިމާވެއެވެ. އެހެންކަމުން އާއްމުދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ މިފަދަ ކުޑަކުޑަ ބަދަލުތަކަކުން ލޯ ތޮޅުމުގެ މައްސަލަ ކުޑަކުރެވިދާނެއެވެ. އަދި ލޯ ތޮޅުމަކީ، މާ ބޮޑު ތަދެއް އިހްސާސްވާ އަދި ނުރައްކާތެރި ކަމެއް ނޫންކަމުގައިވިޔަސް މި ފަދަ ކަމެއް ދިމާވުމުން ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.




